ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު މާދަމާ މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފާރިސް (ޠާރިގު) ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 979,958 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ދުވާލަކަށް އެވްރެޖުކޮށް 6,363 ފަތުރުވެރިން އަންނަ މިންވަރެވެ. މި އަދަދަކީ 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.4 ޕަސެންޓް އިތުރު އަދަދެކެވެ.
2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 821,248 ފަތުރުވެރިންނެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގައި 903,773 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޖޫން 5 ގެ ނިޔަލަށް ޗައިނާއިން 117,874 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ޖުމުލަ ފަތުރުވެރިންގެ 12 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 107,518 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނަ އަށް އިނގިރޭސި ވިލާތުން 99,671 ފަތުރުވެރިން އައިސްފައިވެއެވެ.
ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި، މި އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި ލަނޑުދަނޑި ހާސިލުކުރެވިއްޖެނަމަ، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން އައި އަހަރު ކަމުގައި ވާނެއެވެ.
ކޮމެންޓު ފޮނުވާ