މާފުށީ ޖަލުގައި ގައިދީއަކު ނިޔާވުމާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގެއް ފަށައިފި

މާފުށީ ޖަލުގައި ގައިދީއަކު ނިޔާވުމާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގެއް ފަށައިފި

Author
ހުސައިން
05 ޖޫން 2025 08:23
0

 

މާފުށީ ޖަލުގައި ތިބި ގައިދީއަކު ނިޔާވުމާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ. ނިޔާވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ހަސަން (45އ) އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި މި ގައިދީއަށް އޭޕްރީލް 28 ވަނަ ދުވަހު އެމަޖެންސީ ހާލަތެއް މެދުވެރިވެފައިވެއެވެ. އޭގެ ފަހުން އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އައިސް ޖޫން 4 ވަނަ ދުވަހުގެ ރޭ 11:45 ގައި ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި މޫސާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ހިތް ހުއްޓިގެންނެވެ. އަދި މޫސާ ނިޔާވުމާ ގުޅިގެން ވަގުތުން ދިވެހި ފުލުހުންގެ ހިދުމަތަށާއި، އޭނާގެ އާއިލާއަށާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އެކަން އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.