އީރާން ހިމެނޭހެން 12 ގައުމުން އެމެރިކާއަށް ދަތުރުކުރުން މަނާ ކޮށްފި

އީރާން ހިމެނޭހެން 12 ގައުމުން އެމެރިކާއަށް ދަތުރުކުރުން މަނާ ކޮށްފި

Author
ހުސައިން
05 ޖޫން 2025 02:41
0

12 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާކުރާ ރަސްމީ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރައްވާއިފިއެވެ. މީގެ އިތުރުން އެހެން 7 ގައުމެއްގެ ރައްޔިތުންނަށް ވެސް އެމެރިކާއަށް ދަތުރުކުރުމުގައި ހަނިކަންތައްތަކެއް ވަނީ ގެނެވިފައެވެ.

ދަތުރުކުރުން މަނާކުރެވިފައިވާ ގައުމުތަކަކީ އަފްޣާނިސްތާން، މިޔަންމާ، ޗާޑް، ކޮންގޯ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އަމުރުގެ ދަށުން، ބުރޫންޑީ، ކިއުބާ، ލާއޯސް، ސިއެރާ ލިއޯން، ޓޯގޯ، ތުރުކުމެނިސްތާން އަދި ވެނެޒުއެލާގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރުކުރުމުގައި ހަނިކަންތައްތަކެއް ކުރިމަތިވާނެއެވެ.

ރައީސް ޓްރަމްޕް މި އަމުރު ނެރުއްވީ "އެމެރިކާއާއި އެގައުމުގެ ރައްޔިތުންގެ ގައުމީ ސަލާމަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި" ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ވައިޓް ހައުސްއިން ނެރުއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، ކޮލޮރާޑޯގެ ބޯލްޑާގައި ދާދި ފަހުން ހިނގި ހާދިސާއަކީ، ރަނގަޅަށް ސްކްރީން ނުކުރެވި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުމުން ދިމާވި ކަމެއް ކަމަށެވެ. މި ހާދިސާއަކީ އިސްރާއީލަށް ތާއީދުކުރާ މީހުން ބޭއްވި އެއްވުމަކަށް ދިން ހަމަލާއެކެވެ. އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަލާ ދިނީ ގާނޫނާ ހިލާފަށް އެ ގައުމުގައި އުޅޭ މީހަކެވެ.

"އެމެރިކާގައި ތިބެން ނުޖެހޭ މީހުން މިލިއަނުން މިލިއަނުން އެ ގައުމުގައި އެބަތިބި" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި "އަޅުގަނޑުމެންނަށް ގެއްލުންދޭން ބޭނުންވާ ބަޔަކު އަޅުގަނޑުމެންގެ ގައުމަށް ވަނުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ޓްރަމްޕް މިފަދަ އަމުރެއް ނެރުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރު އޭނާގެ ފުރަތަމަ ދައުރުގައި ވެސް ވަނީ މުސްލިމް އަޣުލަބިއްޔަތު ގައުމުތަކުގެ ތެރެއިން އިރާގު، ސީރިއާ، އީރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކުރާ އަމުރެއް ނެރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.