އދ.ގެ ސަލާމަތީ މަޖިލީހުގައި ޣައްޒާގެ ގަރާރު އެމެރިކާއިން ވީޓޯ ކޮށްފި، ދެކޮޅަށް ވޯޓުދީ އެމެރިކާއިން އެކަނި

އދ.ގެ ސަލާމަތީ މަޖިލީހުގައި ޣައްޒާގެ ގަރާރު އެމެރިކާއިން ވީޓޯ ކޮށްފި، ދެކޮޅަށް ވޯޓުދީ އެމެރިކާއިން އެކަނި

Author
ހުސައިން
05 ޖޫން 2025 09:00
0

ޣައްޒާގައި ކުރިއަށްދާ ހަމަލާތައް ލަސްނުކޮށް ހުއްޓުވުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވޯޓަށް އެހި ގަރާރު އެމެރިކާއިން ވީޓޯކުރުމާއެކު ފާސްނުވެ މިހާރުވަނީ ހުއްޓިފައެވެ.

15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގައި 14 ގައުމުން ގަރާރަށް ތާއީދުކުރި ނަމަވެސް، އެމެރިކާ އެކަނި ގަރާރާ ދެކޮޅަށް ވޯޓުދިނުމުން ގަރާރު ފާސްނުވިއެވެ. މިއީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އައިސްފައިވާތާ ޣައްޒާގެ މައްސަލައިގައި އެމެރިކާއިން ވީޓޯކުރި ފުރަތަމަ ގަރާރެވެ.

ގަރާރުގައި ހިމެނެނީ އިޒްރޭލާއި ހަމާސް އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓުވުމަށާއި، ރަހީނުންގެ ގޮތުގައި ތިބި މީހުން ދޫކޮށްލުމަށް ގޮވާލުމެވެ. މީގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ވެސް ގޮވާލައިފައިވެއެވެ.

އދ.ގައި އެމެރިކާގެ ފަރާތުން ތަމްސީލުކުރައްވާ ޑޮރޮތީ ޝިޔާ ވިދާޅުވީ މި ގަރާރުން ހަމާސް ބާރުވެރިވާނެ ކަމަށާއި، މިހާރު ކުރިއަށްދާ ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށެވެ. އަދި މި ގަރާރަކީ އިޒްރޭލާއި ހަމާސް އެއް ހަމައެއްގައި ބަލާ ގަރާރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެން ގައުމުތަކުން މި ވޯޓަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ. ޗައިނާގެ މަންދޫބު ފޫ ކޮންގް ވިދާޅުވީ ޣައްޒާގައި ހަމަލާތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް ނާކާމިޔާބުވަމުންދާ މައިގަނޑު ސަބަބަކީ އެމެރިކާއިން އަޅަމުންދާ ހުރަސްތައް ކަމަށެވެ.

ޕާކިސްތާނުގެ ސަފީރު އާސިމް އަހްމަދު ވިދާޅުވީ ސަލާމަތީ މަޖިލީހުން ޣައްޒާގެ ކަންކަމުގައި އޮތް ޒިންމާ އަދާނުކުރެވިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ސިޔާސީ ގޮތުން ވެސް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.

މިއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޣައްޒާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުން ވޯޓަށް އެހި ފުރަތަމަ ގަރާރެވެ. އަދި ޣައްޒާގައި ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުވުމަށް ގޮވާލި ފުރަތަމަ ގަރާރު ވެސް މެއެވެ. ޖޯ ބައިޑެންގެ ވެރިކަމުގައި ވެސް އެމެރިކާއިން ޣައްޒާއާ ގުޅޭ ގަރާރުތައް ވީޓޯކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.