ހާލަތަ ގޯސްވެ، ޖަޕާނުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރަނީ

ހާލަތަ ގޯސްވެ، ޖަޕާނުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރަނީ

Author
ހުސެއިން
04 ޖެނުއަރީ 2021 07:46
0

ޖަޕާނުގައި ކޯވިޑް19ގެ ހާލަތު ގޯސްވެ ވެރިރަށް ޓޯކިޔޯ އާއި އަދި ކައިރި 3 ސަރަހައްދެއް ހިމެނޭގޮތުން، އެގައުމުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ނިންމަވާފައި ވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

ބެލެވޭ ގޮތުގައި، މިއަދުގެ ވަގުތެއްގައި ބޮޑުވަޒީ ސުގާ ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރައްވާނެއެވެ.

ޖަޕާނުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރާނެކަމުގެ ޚަބަރުތައް ލިބެން ފަށާފައިވަނީ، ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކެއާއި، ޓޯކިޔޯގެ ރަށްބޭރުގެ ސަރަހައްދެއްކަމުގައިވާ ޝިބާ، ކަނަގާވާ އަދި ސައިތަމާ ސަރަހައްދުގެ ކައުންސިލްތަކުންވެސް އެ ސަރަހައްދުތަކުގައި ކޯވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ސްޓޭޓް އިމަޖެންސީ އިއުލާން ކުރުމަށް ޖަޕާނުގެ މައި ސަރުކާރުގައި އެދުނުތާ ދެ ދުވަސް ފަހުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވެރިރަށް ޓޯކިއޯގައި ކޯވިޑް19 އާދަޔާ ޚިލާފަށް ބާރަށް ފެތުރެމުންދާތީ، ޓޯކިޔޯގެ ސަރަހައްދީ ސަރުކާރުން މިހާރުދަނީ ޓޯކިއޯގެ ވަށައިގެންވާ 3 ސަރަހައްދެއް ހިމެނޭގޮތުން، މިހަފްތާގެ ފަހުކޮޅުން ފެށިގެން، ރެސްޓޯރެންޓެ ކެފޭތައް ރޭގަޑު 8 ޖަހާއިރު ބަންދު ކުރަން ޖެހޭގޮތަށް ހަމަޖެއްސުމަށް ވާހަކަދަކަމުންނެވެ. މި ސަރަހައްދު ތަކުގައި މިހާރު ކެފޭ ރެސްޓޯރަންޓް މިސަރަހައްދު ތަކުގައި ހުޅުވިފައި ހުންނަނީ ރޭގަޑު 10 ޖަހަންދެނެވެ.

ޓޯކިއޯ ހިމެނޭގޮތުން ޖަޕާނުގައި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ 3 ސަރަހައްދަކުން، ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްދިނުމަށް މައި ސަރުކާރުގައި އެދިފައިވާތީ، ބަޑުވަޒީރު ވަނީ، މިކަމާ ގުޅޭގޮތުން ކެބިނެޓް ސެކެޓްރީ ކަޓްސުނޮބު ކަޓޯ އާއި، ހެލްތު މިނިސްޓަރ ނޮރިހިސާ ޓަމޫރާ އާއި، އިކޮނޮމިކް ރީވައިޓަލައިޒޭޝަން މިނިސްޓަރ ޔަސުޓޮޝި ނިޝިމޫރާގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ކަޒުޔޯޝި އަކަބާއާއި މިހަފްތާގެ އާދީއަތަ ދުވަހު މަޝްވަރާ ކުރައްވާފައެވެ.

ޓޯކިއޯ މެޓްރޯޕޮލިޓަން ސަރަހައްދުޔަކުގައި ވައިރަސް އާދާޔާ ޚިލާފަށް ފެތުރެމުންދދިއުމުގެ ސަބަބުން މިސަރަހައްދުތަކުގެެ ގަވަރުނަރުން އިކޮނޮމިކް ރީވައިޓަލައިޒޭޝަން މިނިސްޓަރ ޔަސުޓޮޝި ނިޝިމޫރާއާއި އާދީއްތަ ދުވަހު ބައްދަލުކޮށް އެދިފައިވަނީ، ކޯވިޑް19އާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކާ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޚާއްސަ ފިޔަވަޅުތަކާ ގުޅޭ ގާނޫނުގެ ދަށުން މި ސަރަހައްދުތަކުގައި އަލުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާ ކޮށްދިނުމަށެވެ. މިގޮތުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ވައިރަސް ފެތުރު ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމުގެ ބާރު މިސަރަހައްދުތަކުގެ އިދާރާތަކަށް ލިބިގެން ދާނެއެވެ.

ޖަޕާނުން ކޯވިޑް19އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި އެގައުމުގެ ސަރުކާރުން ހަމަޖައްސާފއިވާ، އިކޮނޮމިކް ރީވައިޓަލައިޒޭޝަން މިނިސްޓަރ ޔަސުޓޮޝި ނިޝިމޫރާ ވަނީ، ގަވަރުނަރުން މި ހުށަހެޅުމާމެދު ސަރުކާރު ވަރަށް ސީރިއަސްކޮށް ވިސްނަވާނެކަމަށް ވިދާޅުވެފައެވެ.

ކޯވިޑް19 އާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޖަޕާނުގައި އިއުލާން ކޮށްފިނަމަ، ވެގެންދާނީ މިއީ ކޯވިޑް ކާރިސާއާއި ގުޅިގެން އެގައުމުގައި އިއުލާން ކުރެވޭ ދެވަނަ ކުއްލި ނުރައްކަލުގެ ހާލަތު ކަމުގައެވެ. ޖަޕާނުންވަނީ، ފާއިތުވެދިޔަ އަހަރުގެ މެދުތެރޭގައިވެސް، ހިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މަހެއްހާ ދުވަހަށް ހާލަތު ދަމަހައްޓާފައެވެ. އެފަހަރު ސަރުކާރުން ވަނީ ސްކޫލްތައް ބަންދުކޮށް، ކޮންމެހެން ހުޅުވަން ނުޖެހޭ ވިޔަފާރިތައްވެސް ބަންދު ކޮށްފައެވެ.

ޖަޕާނުގެ ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، އެގައުމުގައި މިހާރު ކުރިޔަށްދަނީ، ކޯވިޑް19ގެ 3 ވަނަ ވޭވްއެވެ. އެހެންނަމަވެސް، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ސަރުކާރުން މިހާތަނަށްވެސް ފަސްޖެހެމުން އައީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އިގްތިސާދީ ހަރާކާތަތައް ހުއްޓުމަކަށް އައިސް، އިގްތިސާދަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައެވެ.

މިގޮތުން، ފާއިތުވެދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި، ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބަދަލުގައި އެންމެ ރަގަޅު ވާނީ، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން ކަމުގައެވެ.

އެހެންނަމަވެސް، އާއަހަރުގެ ޗުއްޓީއާއި ދިމާކޮށް، ޖަޕާނުގައިވަނީ، ވައިރަސް ފެތުރޭ މިންވަރު އިންތިހާއަށް މައްޗަށް ގޮސްފައެވެ. މިގޮތުން، ފާއިތުވެދިޔަ ހަފްތާގެ  ބުރާސްފަތި ދުވަހުވަނީ މުޅި ޖަޕާނުގައި 4،500 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް ރޮކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވިދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.