އިސްކަންދަރު ސްކޫލްގެ، ބޭނުން ނުކުރާތާ 8 އަހަރުވީ ދެބުރި އިމާރާތެއް ތަޅާލަން ފަށައިފި

އިސްކަންދަރު ސްކޫލްގެ، ބޭނުން ނުކުރާތާ 8 އަހަރުވީ ދެބުރި އިމާރާތެއް ތަޅާލަން ފަށައިފި

Author
ހުސައިން
05 ޖޫން 2025 08:54
0

އުމުރުން 64 އަހަރުވެފައިވާ އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހުރި ބޭނުން ނުކުރާތާ 8 އަހަރު ވީ ދެ ބުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި އިމާރާތަކީ ވަރަށް ބޮޑަށް ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ އިމާރާތެކެވެ.

ކަމާބެހޭ މާހިރުން ކުރި ސާވޭތަކުން މި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫންކަމަށް މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގިފައިވެއެވެ. އެހެންނަމަވެސް، އިމާރާތުގެ ފުރަތަމަ ފްލޯ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައިއިރު، މަތީގައި ހުރި 7 ކްލާސްރޫމް ބޭނުންކުރުން 6 އަހަރު ކުރިން ހުއްޓާލާފައިވެއެވެ.

މި އިމާރާތުގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް ފުރަތަމަ ފްލޯގެ ޝީޓްތައް ކަނޑައިގެން ގޮސް، އިމާރާތް ވެއްޓެން ކައިރިވެފައިވާކަން ފެންނަން ހުރެއެވެ. ވާރޭ ވެހުމުން ޑެޕިއުޓީ ޕްރިންސިޕަލުންގެ ކޮޓަރިތަކުގައި ފެން ބޮޑުވެ، ވަރަށް ދަތި ހާލަތުގައި މަސައްކަތް ކުރަންޖެހޭކަމަށް 2022 ވަނަ އަހަރު ސްކޫލުން މަޢުލޫމާތު ދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، މި އިމާރާތް ތަޅާލުމަށްފަހު، އެ ތަނުގައި 21 ކްލާސްރޫމް ހިމެނޭ އާ އިމާރާތެއް އެޅުމަށް ނިންމާފައިވެއެވެ. މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާ މި ސްކޫލުގައި ޖާގައިގެ ދަތިކަން ހުރުމުން، ބީ ބްލޮކާއި ސީ ބްލޮކުގައި ކުދިންނަށް ކިޔަވައިދޭންޖެހިފައިވެއެވެ.

ބެލެނިވެރިން ފާހަގަކުރާ ގޮތުގައި، ކްލާސްރޫމް މަދުވުމުގެ ސަބަބުން ސްކޫލް މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އަދި ބައެއް ކްލާސްރޫމްތަކުގައި ރެނދުލާފައިވާ ކަމުގެ ޝަކުވާތައް ވެސް ކުރަމުންދެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި، އާ އިމާރާތް ނިމުމުން މި މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.