ރައްކާ ކެމްޕެއިން 2025 ކުރިއަށް ގެންދިއުމަށް ތިން ކުންފުންޏާއެކު ފުލުހުން އެއްބަސްވެއްޖެ

ރައްކާ ކެމްޕެއިން 2025 ކުރިއަށް ގެންދިއުމަށް ތިން ކުންފުންޏާއެކު ފުލުހުން އެއްބަސްވެއްޖެ

Author
ހުސައިން
03 ޖޫން 2025 08:45
0

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ "ރައްކާ ކެމްޕެއިން" ގެ 2025 ވަނަ އަހަރުގެ ޕްރޮގްރާމްތައް ހިންގުމަށް ތިން ބޮޑު ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ ހިދުމަތާއެކު އެއްބަސްވުމުގައި ސޮއިކުރީ އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

ފުލުހުންގެ ފަރާތުން މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އުރީދޫ މޯލްޑިވްސްއިން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެގްޒެކެޓިވް ޑިރެކްޓާ ނަސްރަތު މުހައްމަދު ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަހުމަދު ސައުދީއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ހިންގާ "ރައްކާ" ކެމްޕެއިންގެ ތަފާތު ޕްރޮގްރާމްތަކަށް މި ކުންފުނިތަކުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ކެމްޕެއިނަކީ މަގުމަތީގައި ހިނގާ ހާދިސާތައް މަދުކޮށް، ޒިންމާދާރު ދުއްވުމުގެ ސަގާފަތް އާލާކުރުމަށް ފުލުހުން ކޮންމެ އަހަރަކު ހިންގާ މުހިންމު މަސައްކަތެކެވެ.

ރާއްޖޭގައި މަގުމަތީގެ ހާދިސާތައް އިތުރުވަމުންދާ މި ދުވަސްވަރު، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއެކު މި ކެމްޕެއިން ފުޅާކޮށް ހަރުދަނާކުރެވޭނެކަމަށް ފުލުހުން އުންމީދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.