ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސް އަނިޔާވެރިކަމާއެކު މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭނެކަމަށް ހައިކޯޓުން ކޮށްފައިވާ ނިންމުމާ ގުޅިގެން، ދައުލަތުގެ ފަރާތުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިއީ މި މައްސަލައާ ގުޅޭގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓަށް މައްސަލަ އަނބުރާ ފޮނުވައި، އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް އަންގާފައެވެ. ނަމަވެސް ހައިކޯޓުން މައްސަލަ އަލުން ބެލުމަށްފަހު ނިންމާފައިވަނީ ވެސް ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ހައިކޯޓުގެ އެންމެ ފަހު އަޑުއެހުމުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ތުހުމަތުކުރެވޭ ފަރާތްތަކުން އެ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ހުރިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، ޝަރީއަތް ނިމެންދެން އެ ފަރާތްތައް ބަންދުކުރުމަށް އަމުރެއް ނެރެވޭނެ ހާލަތެއް ނެތްކަމަށެވެ.
2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރީ ހަތް މީހެއްގެ މައްޗަށެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް، ލ. ގަން ތުނޑީ ނަންނާރިގެ ޖުނައިހު އަބްދުﷲ، މ. ދިމިޝްގު އުސްމާން ޝަރީފް، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގެވެ.
ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރާއިރު، މި ހަތް މީހުން ކުށުގައި ބައިވެރިވިކަން ސާބިތުނުވާކަމަށް ކަނޑައަޅުއްވައި، އެ ފަރާތްތަކަށް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ބެލި ނިމެންދެން އެ ފަރާތްތައް ބަންދުކުރުމަށް އެދުނެވެ.
މިހާރު ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފާ ގުޅިގެން އެ ކޯޓުން ނިންމަވާނެ ގޮތެއް ސާފުވާނީ މައްސަލަ ބެއްލެވުމަށްފަހުގައެވެ. މި މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވެފައިވަނީ އެ ވަގުތު 17 އަހަރުގެ ކުއްޖެއްގެ މައްޗަށް އެކަންޏެވެ. ހައިކޯޓުން އެ ކުއްޖާއަށް ކަނޑައެޅުއްވި 18 އަހަރުގެ ޖަލު ހުކުމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ލުއިކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ