ހުޅުމާލޭގައި ޖާހު އިންވެސްޓްމަންޓް ކުންފުނިން ތަރައްޤީކުރަމުންދިޔަ "ދަ ގާޑަން" ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޗްޑީސީން ހަވާލުކޮށްފިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔެއް ކަމުގައިވާ ޖައުފަރު އީސާ އާދަމްގެ ކުންފުނިން ތަރައްޤީކުރަން ފެށި މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އިމާރާތްކުރެވޭ އެންމެ ފެންވަރު ރަނގަޅު ފްލެޓްތަކެއްގެ ގޮތުގައި ފާހަގަކުރެވުނު ތަނެކެވެ. 2017 ވަނަ އަހަރު ފެށުނު މި މަޝްރޫޢުގައި 27 ސުއިޓާއި 54 ވިލާ ހިމެނޭގޮތަށް ޖުމުލަ 83 ލަގްޒަރީ ޔުނިޓް ހިމެނެއެވެ.
އަށް އަހަރު ވަންދެން މި ޕްރޮޖެކްޓް ލަސްވެފައިވާއިރު، ޖާހު ކުންފުނިން ބުނާގޮތުން މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައެވެ. ފްލެޓްތައް އެޑްވާންސްކޮށް ވިއްކައި ކަސްޓަމަރުންގެ އަތުން ފައިސާ ނަގާފައިވީނަމަވެސް، މުއްދަތަށް ތަންތަން ހަވާލުނުކުރެވުމުން ގިނަ ފަހަރު ފުރުޞަތު ދިނުމަށްފަހު، މިއަހަރުގެ ޖެނުއަރީ 27 ގައި އެންމެ ފަހުގެ ފުރުޞަތު ދީފައިވެއެވެ.
އެޗްޑީސީން ދިން ޤާނޫނީ ނޯޓިސްގެ 45 ދުވަހުގެ މުއްދަތުގައިވެސް މަސައްކަތް ނުނިމުމުން، އެޗްޑީސީން ވަނީ މި ޕްރޮޖެކްޓް އަތުލައިފައެވެ. މީގެއިތުރުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުކޮށްފައިވެއެވެ. ޖާހު ކުންފުނިން މި ޕްރޮޖެކްޓް އަތުލުން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އަމުރެއް ނެރެދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ