ހުޅުމާލޭގައި 9 އުޅަނދުން ވައްކަންކުރި މީހަކު ސައިކަލެއްގައި ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި

ހުޅުމާލޭގައި 9 އުޅަނދުން ވައްކަންކުރި މީހަކު ސައިކަލެއްގައި ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި

Author
ހުސައިން
03 ޖޫން 2025 04:16
0

ހުޅުމާލޭގައި ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކުން ވައްކަންކުރަން އުޅުނު މީހަކު، ސައިކަލެއްގައި އަރައިގެން ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރީ ޕާކިން ޒޯން ސަރަހައްދުން ހައްޔަރުކުރެވުނީ އަބްދުއްރަހްމާން ހުސައިން، 33 އަހަރު، އޯކިޑްމާގެ، ލ. އިސްދޫ އެވެ. އޭނާ ހައްޔަރުކުރެވުނީ އެ ސަރަހައްދުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ސައިކަލަކަށް އަރައިގެން ފިލަން މަސައްކަތްކުރާ މީހެއް ފެނުމުންނެވެ.

ފުލުހުން އޭނާ ހުއްޓުވައި ބެލިބެލުމުން، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ އުޅަނދުތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުނެވެ. އޭނާގެ ގައިން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މަޢުލޫމާތު ދައްކާ ގޮތުން އަބްދުއްރަހްމާން ވަނީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ 9 ކާރަކާއި ޕިކަޕެއް ހުޅުވައި، އެ އުޅަނދުތަކުން ބައެއް ތަކެތި ވަގަށް ނަގާފަ އެވެ. އޭނާގެ ގައިންނާއި އޭނާ ފިލަން ބޭނުންކުރި ސައިކަލުން ފެނުނު ތަކެތީގެ ތެރޭގައި ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި، ފައިސާ، ފޯންތަކަކާއި ޗާޖިން ކޭބަލް ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އަބްދުއްރަހްމާން ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް އޭނާ އެއްލި ކަމަށާއި، އެ ތަކެތި އޭނާގެ ހާޒިރުގައި ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދިނެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.