އަޟުޙާ ޢީދު ފާހަގަކުރުމުގައި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރުން ރައްޔިތުންނަށް ގޮވާލައިފިއެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ މަތީން ޢީދު ފާހަގަކުރުމަށް އެންމެހައި ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.
ދިވެހި ރައްޔިތުންނަކީ ފާއިތުވި ޒަމާންތަކުގައި ވެސް ވަރަށް ޚާއްޞަ ގޮތެއްގައި އަޟުޙާ ޢީދު ފާހަގަކުރަމުން އައި ބައެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، އިސްލާމީ އަދަބުތަކާ އެއްގޮތަށް ޢީދު ފާހަގަކުރުމާއި، ޢީދުގެ އުފާވެރިކަމުގައި ހުރިހާ ދިވެހިން ބައިވެރިކުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ ޢީދުގެ ޙަރަކާތްތަކާއި ކުޅިވަރުތައް ރާވައި ހިންގުމުގައި ވެސް އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް މިނިސްޓްރީން ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެއެވެ. މިއީ ދީނީ ގޮތުން ބަރަކާތްތެރި މި ޢީދުގައި، ޝަރުޢީ އުޞޫލުތަކުގެ ތެރޭގައި ހިފަހައްޓައިގެން އުފާވެރިކަން ފާޅުކުރުމަށް ކުރެވޭ ޚާއްޞަ އިރުޝާދެކެވެ.
ކޮމެންޓު ފޮނުވާ