ސްރީ ލަންކާގެ ބަންޑަރަނާއިކާ އިންޓަނޭޝަނަލް އެއާޕޯޓުން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކޮކެއިން ޝިޕްމަންޓާއެކު ހުކުރު ދުވަހު 38 އަހަރުގެ ތައިލެންޑު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އިދާރާގެ އެޑިޝަނަލް ޑިރެކްޓަރ ޖެނެރަލް ސީވަލީ އަރުނަގޯޑާ ބުނި ގޮތުގައި، މި އަންހެން މީހާ ގެންދިޔައީ ތިން ސޮފްޓް ޓޯއީގެ ތެރޭގައި ފޮރުވާފައިވާ ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ކޮކެއިނެވެ. 500 އަށްވުރެ ގިނަ ޕްލާސްޓިކް ކެޕްސިއުލްގައި ބަންދުކޮށްފައިވާ މި މަސްތުވާތަކެތީގެ އަގު ކަޅު ބާޒާރުގައި 1.72 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ.
"މިއީ ކޮކެއިން އެތެރެކުރުމަށް މަސައްކަތް ކުރަމުން އެއާޕޯޓުގައި ކަސްޓަމްސް އިން ހުއްޓުވި އެންމެ ބޮޑު މިންވަރު،" އަރުނަގޯޑާ ވިދާޅުވިއެވެ.
މީގެ އިތުރަށް މި މަހުގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 60 ކިލޯގްރާމްގެ ސިންތެޓިކް ކެނަބިސް ވެސް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ. މި މައްސަލަތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ރައްޔިތަކާއި، ތައިލެންޑު ރައްޔިތަކާއި، އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފައިވެއެވެ.
ސްރީ ލަންކާ އަކީ ދެކުނު އޭޝިޔާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުންކުރާ މުހިންމު ޓްރާންޒިޓް ޕޮއިންޓެއް ކަމަށް ބެލެވެއެވެ. މިދިޔަ އޮކްޓޫބަރު މަހު ސްރީ ލަންކާ ކޯޓަކުން 111 ކިލޯގްރާމަށްވުރެ ގިނަ ހެރޮއިން އެތެރެކުރި މައްސަލައިގައި އީރާނުގެ 10 ފިރިހެނުން އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވެއެވެ. މިއީ 2016 ވަނަ އަހަރު އީރާނުގެ މަސްވެރި ބޯޓެއްގައި މަސްތުވާތަކެތި ގެންދަނިކޮށް ސްރީ ލަންކާ ކަނޑުގެ ސަރަޙައްދުން ހައްޔަރުކުރި 17 މީހުންގެ ތެރެއިން ބަޔަކެވެ.
2023 ވަނަ އަހަރު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި އީރާނުގެ ނުވަ ރައްޔިތުން އުމުރަށް ޖަލަށްލުމަށް ސްރީ ލަންކާގައި ޙުކުމް ކޮށްފައިވާއިރު، މިފަދަ ބޮޑެތި މައްސަލަތަކާ ގުޅިގެން ވަރުގަދަ ފިޔަވަޅު އެޅުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅެމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ