އިންޑިއާއިން ނެރުނު، އެގައުމުގެ އަމިއްލަ ކޯވިޑް ވެކްސިނަށް ފާޑުކިއުން އަމާޒު ވެއްޖެ

އިންޑިއާއިން ނެރުނު، އެގައުމުގެ އަމިއްލަ ކޯވިޑް ވެކްސިނަށް ފާޑުކިއުން އަމާޒު ވެއްޖެ

Author
ހުސެއިން
04 ޖެނުއަރީ 2021 07:03
0

އިންޑިއާގެ ލޯކަލް ކުންފުންޏެއް ކަމުގައިވާ ބަރާތު ބައޯޓެކްގެ ކޯވެކްސިންގެ، ތަހުލީލީ މައުލޫމާތު އާންމު ނުކޮށް، މިވެކްސިން އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ކަމާގުޅޭ މުވައްސަސާތަކުން ދިނުމާއި ގުޅިގެން، އެގައުމުގެ މިނިންމުމަށް އެތައް ބައެއްގެ ފާޑުކިއުނަ އަމާޒު ވެއްޖެއެވެ.

ޑްރަގް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާ (DCGI)އިން އެގައުމުން އުފެއްދި އަމިއްލަ އާވެކްސިން އާންމުކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދޫކޮށްފައިވާކަން ހާމަ ކުރުމާއެކު، އިންޑިއާގެ ބޮޑުވަޒީ ނަރެންދުރަ މޯޑީއާއި އަދި އޭނާގެ ކެބިނެޓްގެ ވަޒީރުންވަނީ، އިންޑިއާއިން ހޯދި މިކުރިއެރުމަށް ވަރަށް ބޮޑަށް ތައުރީފްކޮށް މަރުހަބާ ކިޔާފައެވެ. މި ޚަބަރު އާންމު ކުރެއްވުމަށްފަހު، ޑްރަގް ކޮންޓްރޯލަރ ޖެނެރަލް ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އިންޑިއާގައި އުފައްދަމުންދާ ވެކްސިންތައް ބާޒާރަށް ނެރެވެންދެން އެގައުމުގެ ރައްޔިތުން ކޯވިޑް19އިން ރައްކާތެރި ކުރުމުގައި ބޭނުން ކުރާނެ މައިގަޑު ވެކްސިނެއްގެ ގޮތުގައި، އިންޑިއާ ސަރުކާރުން ފާއިތުވެދި ހަފްތާގައިވަނީ އިގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި އަދި އެގައުމުގެ އެސްޓްރާޒެނިކާ ކުންފުނިން ގުޅިގެން އުފެއްދި ކޯވިޑް19 ވެކްސިން އެގައުމުގައި ބޭނުން ކުރުމުގެ އެމަރޖެންސީ ހުއްދަ ދޫކޮށްފައެވެ.

ބަރާތު ބައޯޓެކްގެ ކޯވެކްސިން ތައްޔާރު ކޮށްފައިވަނީ އެގައުމުގެ ސަރުކާރުގެ އެހެން އިންސްޓިޓިއުޝަނަކާވެސް ގުޅިގެންނެވެ. މިވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ އިންޑިއާއިން ދިނުމާއެކު، އެގައުމު މިވަނީ، އަމިއްލައަށް ވެކްސިން އީޖާދު ކޮށްގެން ބޭނުން ކުރަމުންދާ ދުނިޔޭގެ މަދު ގައުމެއް ހިމެނޭ ލިސްޓުގައި އެގައުމުގެ ނަންވެސް ހިމަނާފައެވެ.

ބަރާތު ކުންފުނިން ވަނީ، ބޭސް އުފައްދާ ކުންފުންޏެއް ކަމުގައިވާ، އޯކުޖެން އިންކްއާއި އެކު، ކޯވެކްސިން އެމެރިކާގެ މާރކެޓަށް އަމާޒުކޮށް އުފެއްދުމަށް އެއްބަސްވެފައެވެ. އަދި މީގެއިތުރުން ބްރެޒިލްއިން މިހާރުވަނީ، އިންޑިއާގެ ކޯވެކްސިން ގަތުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ.

ބަރާތު ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި، އެކުންފުނިން މިހާރުދަނީ، ކޯވެކްސިން ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދުނިޔޭގެ 10 ގައުމަކާއެކު ވާހަކަ ދައްކަމުންނެވެ.

"ކޯވިޑް19 ކާރިސާގެ ސަބަބުން، މިހާލަތަށް ވެކްސިންގެ ބޭނުންތެރިކަން އިންތިހާއަށް ޖެހިފައިވާތީ، އަހަރުމެންގެ އަމާޒަކީ، މިވެކްސިން ބޭނުން ޖެހިފާވާ އާބާދީތަކުގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން،" ބަރާތު ބޮއޯޓެކްގެ ޗެއަރމަން ކްރިޝްނާ އެއްލާ ވިދާޅުވިއެވެ.

'ކޯވެކްސިން ވަނީ، މިވެކްސިންގެ ރައްކާތެރިކަން ވަރަށް ފުރިހަމަކަމަށް، ކުރެވުނު ތަހުލީލުތަކުން ދައްކާފަ، އަދި ވައިރަހުން ފެންނަން ހުރި ތަފާތު ޕްރޮޓީންތަކުން ރައްކާތެރި ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ލިބިގެން ގޮސްފަ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ވެކްސިން އިޖާދުކުރި ކުންފުނިންވެސް އަދި، އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑްސް ކޮންޓްރޯ އޯގަނިޒޭޝަނުންވެސް، މި ވެކްސިންގެ ކާމިޔާބުކަން ސާބިތު ކޮށްދޭ އެއްވެސް މައުލޫމާތެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.

މިވެކްސިނާ ގުޅުންހުރި މައުލޫމާތު ލިބިހުރި ފަރާތަކާ ހަވާލާދީ ރޮައިޓާސްއިން ހާމަކޮށްފައިވާ ގޮތުގައި، މިވެކްސިންގެ ދެ ޑޯޒާއެކު، ވެކްސިންގެ ކާމިޔާބީ އުޅެނީ %60ގައެވެ.

ބަރާތު ކުންފުނިން ކޯވެކްސިން އުފައްދާފައިވަނީ، މިހާތަނަށް އިންޑިއާގައި ވެކްސިނެއް އުފައްދާފައި ނުވާހާ އަވަސްމިނުގައެވެ. ފާއިތުވެދިޔަ ނޮވެމްބަރުމަހު އެކުންފުނިން ބުނެފައިވަނީ، ކޯވިކްސިން އާންމު ކުރެވިގެންދާނެ ކަމަށް ބެލެވެނީ، 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާރުގައި ކަމަށެވެ. އެހެންނަމަވެސް، އިންޑިއާގެ ސައިންޓިސްޓުން ކުރިން އަންދާޒާ ކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރޗް މަހު މިވެކްސިން ބޭނުން ކުރެވޭ ވަރު ވާނެއެވެ.

އިންޑިއާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އަދި ކުރީގެ ބައެއް ކެބިނެޓް މިނިސްޓަރުންވެސް ވަނީ، ސައްހަ މައުލޫމާތު އާންމު ނުކޮށް، މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ކަމާގުޅުން ހުރި މުވައްސަސާތަކުން ދޫކޮށްފައިވާތީ އެކަމާ ސުވާލު އުފައްދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.