ދިވެހިރާއްޖޭގައި ބޭންކިންގ ހިދުމަތް ދިނުމަށް ހުއްދަ ހޯދަން އެދޭ ފަރާތްތަކަށް ލައިސަންސް ދޫކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެ އެވެ.
ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޓިއަރ 1 ބޭންކެއްގެ ގޮތުގައި ރާއްޖޭގައި ހިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދިންގޮތާ ގުޅިގެން ނޫސްތަކުގައި ޝާއިއުވި ހަބަރުތަކަށް ރައްދުދެއްވުމުގެ ގޮތުން އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި މިކަން ފާހަގަކުރެއްވި އެވެ.
ބޭންކިންގ ލައިސަންސް ދޫކުރުމުގައި އެމްއެމްއޭ އިން ގެންގުޅެނީ ތިން މަރުހަލާގެ ޕްރޮސެސެއް ކަމަށާއި، އެއީ ލައިސަންސް ހޯދުމަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ދިނުމާއި، ހުށަހެޅުން ދިރާސާކުރުމާއި، ލައިސަންސް ދޫކުރުމުގެ މަރުހަލާ ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.
ލައިސަންސް ހޯދަން ބޭނުންވާ ފަރާތްތަކުގެ ހުށަހެޅުން ވަޒަންކުރުމުގައި އެމްއެމްއޭ އިން ބައްލަވާނީ އެ ފަރާތުގެ މާލީ ގާބިލުކަމާއި، ފައިސާގެ މަސްދަރާއި، ހިއްސާދާރުންނާއި ސީނިއަރ މެނޭޖްމަންޓުގެ ފެންވަރާއި، ބިޒްނަސް ޕްލޭނަށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ހުށަހެޅުން ފުރަތަމަ ބަލާނީ އެމްއެމްއޭގެ ލައިސަންސިންގ ސެކްޝަނުން ކަމަށާއި، ދެން އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ އަށް ފޮނުވުމަށްފަހު، ގަވަރުނަރ މެދުވެރިކޮށް އެމްއެމްއޭ ބޯޑަށް ހުށަހެޅޭނެ ކަމަށް ބަޔާނުގައި ތަފްސީލުކޮށްފައިވެ އެވެ. އެންމެ ފަހުގެ ނިންމުން ނިންމާނީ އެމްއެމްއޭގެ ބޯޑުން ކަމަށްވެސް ބުނެފައިވެ އެވެ.
ބޯޑުން ލައިސަންސް ދިނުމަށް ނިންމިއްޖެނަމަ، ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށާއި، މިއީ ކުންފުނި ރަޖިސްޓަރީކުރުމާއި، އައިޓީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އޮޕަރޭޝަނަށް ތައްޔާރުވުމަށް ދެވޭ މުއްދަތެއް ކަމަށް އެމްއެމްއޭ އިން ވިދާޅުވި އެވެ. މި ކަންކަން ފުރިހަމަކުރުމަށްފަހު އެމްއެމްއޭ އިން ތަން އެސެސްކޮށް، އޮޕަރޭޝަން ފެށުމުގެ ހުއްދަ ދޫކުރާނެ ކަމަށް ބުނެފައިވެ އެވެ.
ބޭންކިންގ ލައިސަންސަށް އެދި ހުށަހެޅި ހުށަހެޅުމެއް ބޯޑުން ބަލައިނުގަތުމަށް ނިންމި ނަމަވެސް، އަލުން ހުށަހެޅުމަށް ގާނޫނުން "ކޫލިންގ އޮފް ޕީރިއަޑް" އެއް ކަނޑައަޅާފައި ނެތުމުން، އެފަދަ ފަރާތްތަކަށް އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއްވި އެވެ. އަލުން ހުށަހަޅާ ހުށަހެޅުމަކީ އައު އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައި، މުޅި އިވެލުއޭޝަން ޕްރޮސެސް އަލުން ހިންގާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މާލީ ދާއިރާގެ ހަރުދަނާކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަކީ އެމްއެމްއޭގެ އެންމެ މުހިންމު ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ރާއްޖޭގައި މާލީ އިދާރާތަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމުގައި އެމްއެމްއޭ އިން ޔަގީންކަން އަރުވައިފި އެވެ.
ކޮމެންޓު ފޮނުވާ