ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާ ގުޅޭގޮތުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތެރިއެއް ކަމުގައިވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުފުލި އަބުރުގެ ދައުވާ ސިވިލް ކޯޓުން ބަލައިގަތުމަށް ނިންމައިފިއެވެ.
ވޭޕް މަނާކުރުމުގެ މައްސަލައާ ގުޅިގެން މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން، މަންދީގެ އިތުރުން އިދިކޮޅު މެއިން ޕާޓީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ވަނީ އަބުރުގެ ދައުވާ ކުރައްވާފައެވެ. ދައުވާ ލިބުނު ފަރާތްތަކުން ވަނީ މި މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ އިއުތިރާޒު ހުށަހަޅާފައެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ، މި މައްސަލަ ބެލުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. މި ނިންމުމާއެކު، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބުނު ފަރާތްތަކަށް ކޯޓުން ވަނީ އެންގުން ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ވަކީލުންގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފުސާނީ ސިއްހަތަށާއި ސަލާމަތަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ. އަދި އުމައިރުގެ ތަޢުލީމަށާއި ދިރިއުޅުމަށާއި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާއިލާގެ ވަކީލުންގެ ވާހަކައިގައި، މި ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.
އެމްޑީޕީގެ މައްޗަށް ދައުވާ ކުރި ސަބަބަކީ، އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި މި ވާހަކަތައް ދެކެވުނު ނަމަވެސް، އެކަން ހުއްޓުވުމަށް އެ ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށް ވަކީލުން ބުނެފައިވެއެވެ. އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ދައުވާ ކުރީ، މި ވާހަކަތައް ކުށްވެރިކުރުމުގެ ބަދަލުގައި، އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރެއްވިކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ، ކުޑަކުއްޖާގެ ނަން ހާމަކޮށް ކަރާމާތް ނަގާލީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އާއި ވަކީލުން ކަމަށް ބުނެ، މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ