ރާއްޖޭގެ 70% އާބާދީއަށް 5ޖީ ޚިދުމަތް ފޯރުކޮށްދެވޭ: އިހުސާން

ރާއްޖޭގެ 70% އާބާދީއަށް 5ޖީ ޚިދުމަތް ފޯރުކޮށްދެވޭ: އިހުސާން

Author
ހުސައިން
02 ޖޫން 2025 01:41
0

ދިވެހިރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް މިހާރު 5ޖީ ޚިދުމަތް ފޯރުކޮށްދެވެމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ހާމަކުރައްވައިފިއެވެ. އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްލެއްވުމުންނެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ހަރަކާތްތަކެއްގެ ފަހަތުގައި މިހާރު ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަމަށް ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ. 2020 ވަނަ އަހަރު ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިއިރު، ރާއްޖޭގެ އައިސީޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރަން ޖެހުނުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް 3ޖީ އާއި 4ޖީ މޯބައިލް ޚިދުމަތް ތައާރަފުކުރެވި، 2019 ވަނަ އަހަރު 5ޖީ ޚިދުމަތް ފެށިގެން މިހާރު އާބާދީގެ ބޮޑު ބައެއް ކަވަރުކުރެވިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން ފައިބަރ ޓު ދަ ހޯމް (އެފްޓީޓީއެޗް) ޚިދުމަތްވެސް ކާމިޔާބުކަމާއެކު ރާއްޖެއަށް ތައާރަފުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ޖިއޮގްރަފިކަލް އަދި އިގްތިސާދީ ގޮތުން ރާއްޖެ ފަދަ ގައުމަކަށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް މިފަދަ ކުރިއެރުންތައް ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް 2.0″ ޑިޖިޓަލް ޓްރާންސްފޯމޭޝަން ތަސައްވުރު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ވަޒީރު އިޙްސާން ސައިބަރ ސެކިއުރިޓީގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. ސައިބަރ ކުށްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގެ ބޭނުންކަން ފާހަގަކުރައްވާ، މި ދާއިރާގައި ސަރަހައްދީ ޤައުމުތަކުގެ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.