ސައުދީ 'ޕްރިންސް' ބައްދަލުވުމާ ގުޅޭ ސުވާލުތައް ކުރުމަށް ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ސައުދީ 'ޕްރިންސް' ބައްދަލުވުމާ ގުޅޭ ސުވާލުތައް ކުރުމަށް ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

Author
ހުސައިން
02 ޖޫން 2025 01:29
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނާ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް’އާ ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި 'ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް’ގައި މިނިސްޓަރާ ކުރުމަށް ހުށަހަޅާފައިވަނީ ތިން ސުވާލެކެވެ.

ފުރަތަމަ ސުވާލަކީ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ ބެލުމެވެ. ދެވަނަ ސުވާލަކީ، އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިނުގަތީ ކީއްވެގެންތޯ ބެލުމެވެ. ތިންވަނަ ސުވާލަކީ، އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ ނޭދެވޭ އަސަރެއް ކޮށްފާނެތޯ ބެލުމެވެ.

މި ސުވާލުތައް އުފެދުނީ، ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރާއި ފޮޓޯތައް ފަހުން ގެއްލިފައިވާތީއެވެ.

އެ ބައްދަލުވުމާ ބެހޭ ޚަބަރު ރައީސް އޮފީހުން ޝާއިއުކުރީ މިދިޔަ މަހު ފަސްވަނަ ދުވަހު ކަމަށްވީ ނަމަވެސް، އެ ޚަބަރު ވެބްސައިޓުން ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ މިދިޔަ ހުކުރު ދުވަހެވެ.

މި ޚަބަރު އާންމުވުމާއެކު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ 'ޕްރިންސް’އެއް ނޫން ކަމަށް ގިނަ ބަޔަކު ފާހަގަ ކޮށްފައި ވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވިދާޅުވެފައިވަނީ އެއީ 'ސްކޭމަރެއް' ކަމަށް ބުނެ، ސަރުކާރަށް ފާޑުވިދާޅުވެއެވެ.

ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ފަހަދްގެ މުނިމާމައަކީ މައިފުށުގެ ގޮތުން ސައުދީގެ ފުރަތަމަ ރަސްގެފާނު އާލްސުއޫދުގެ ބޭކަނބަލެއް ކަމުން، އޭނާއަކީ ރަސްގެފާނު އާލްސުއޫދުގެ މުނިކާފަ ދަރިކަލެކެވެ. ނަމަވެސް، ސައުދީގައި 'ޕްރިންސް’ގެ ލަގަބު ލިބެނީ ހަމައެކަނި ފިރިހެން ދަރިފަސްކޮޅަށެވެ.

އެހެންކަމުން، ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅަކަށް ވިޔަސް 'ޕްރިންސް’އެއް ނޫންކަން ފާހަގަކުރެވެއެވެ. އަދި އޭނާއަކީ ވެރިކަން ކުރާ ފިރިހެން ދަރިފަސްކޮޅަށް ނިސްބަތްވާ ބޭފުޅެއް ނޫންކަމާއި، ސައުދީ ސަރުކާރުގައި ރަސްމީ ހައިސިއްޔަތެއް އޮތް ބޭފުޅެއް ވެސް ނޫންކަން ފާހަގަކުރެވެއެވެ. ސައުދީގެ ޝާހީ އާއިލާގައި 25،000 އެއްހައި މެންބަރުން ތިބޭކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.