ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

Author
ހުސައިން
02 ޖޫން 2025 01:25
0

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު ހޯދުމަށް ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މިއަދު މެންދުރު 12:00 އާއި ހަމައަށް މިމަގާމަށް ކުރިތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމް އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ވެއެވެ. އެ މަގާމަށް އާންމުކޮށް ހުޅުވާލާއިރު 90 ދުވަސް ދޭންޖެހޭ އިރު، އެ މަގާމަށް ކުރިމަތިލާ މީހަކީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާންޖެހެއެވެ.

ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމާއެކު، އެ ފަރާތްތަކުގެ ގާބިލްކަން ވަޒަންކުރާނެއެވެ. މީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މީހުންނާ ބެހޭ ރިޕޯޓެއް ތައްޔާރު ކުރާނެއެވެ. މި ރިޕޯޓުގައި ކޮމިޝަނަރަކަށް އައްޔަންކުރަން ޝަރުތު ފުރިހަމަވޭތޯ އާއި، އަބުރުވެރިކަން ހުރި ނިސްބަތް އަދި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ނުޖެހޭ ސަބަބެއް އޮތްނަމަ އެކަމެއް ހިމަނާނެއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރައްވާނީ، ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.