ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ކަނޑާލުމަށް ކުރީގެ ސަރުކާރުން ފެށި މަޝްވަރާތައް މިހާރުގެ ސަރުކާރުން ކުރިއަށް ގެންދާގޮތް ނުވުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިދިޔަ ހަފުތާގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މަހުގެ ޑިއުޓީ ކަނޑާލުމުގެ މައްސަލަ ހިމެނިފައި ނުވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރިމެންޓެއް ހެދުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުގެ ދައުރުގައި ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ކުޑަކުރުމަށްފަހު، އެ ޑިއުޓީ އެއްކޮށް ކަނޑާލުމަށް ދެ ގައުމުން މަސައްކަތް ކުރެވިފައިވެ އެވެ. އެހެންނަމަވެސް މިހާރު ބޭއްވި މަޝްވަރާތަކުގައި މި މުހިންމު މައްސަލަ ހިމެނިފައި ނުވާކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބު ސަރުކާރުން ހާމަކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ކަނޑާލުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިގު މުއްދަތެއް ވަންތަކަށް ގޮވާލަމުންދާ ކަމެކެވެ. މި ޑިއުޓީ ކަނޑާލުމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، އެކްސްޕޯޓް އާމްދަނީ އިތުރުވާނެ ކަމަށް ދާއިރާގެ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ