ނޭޝަނަލް ކެރިއާސް ސާވިސް (އެންސީއެސް) ގެ ރީޖަނަލް އޮފީހެއް ކުޅުދުއްފުށި ސިޓީގައި މިއަދު ހުޅުވައިފިއެވެ. މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރެވެ.
އެންސީއެސްގެ މި އޮފީހަކީ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އޮފީހެކެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށް ވެސް މި އޮފީހުން މަސައްކަތްކުރާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ވުޒާރާގެ މައިގަނޑު އަމާޒަކީ ވަޒީފާ ބޭނުންވާ ހުރިހާ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި ވަޒީފާގެ އުމުރުފުރައިގެ ޒުވާނުންނަށް ކިޔެވުމާއި މަސައްކަތުގެ ދާއިރާ އިޚްތިޔާރުކުރުމުގައި ބޭނުންވާ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން ވެސް ވުޒާރާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ދެއްވި މައުލޫމާތުގައި ވަނީ، މަސައްކަތުގެ އުމުރުފުރައިގެ ދިވެހިންނަށް އެކަށީގެންވާ ވަޒީފާތައް ހޯދުމުގައި އެހީތެރިވުމާއި މަގުދައްކައިދިނުމުގެ ގޮތުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ނޭޝަނަލް ކެރިއާސް ސާވިސްގެ އިތުރު އޮފީސްތައް ގާއިމުކުރުމަށް ރާވައިފައިވާ ކަމަށެވެ. މިއީ ވަޒީފާގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމުގައި ވުޒާރާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ