ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާ ނަންތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ. މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެޖެންޑާގައި ބުނެފައިވާ ގޮތުން، ރައީސް ހުށަހަޅުއްވާ ނަންތައް ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވާނެއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމު ފުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލުމާއެކު 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. މި ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބުނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ. ޖޭއެސްސީން ވަނީ މާކްސް ލިބުނު ތަރުތީބުން މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް މުއިއްޒަށް ލަފާދީފައެވެ.
ނަމަވެސް ރައީސް މަޖިލީހަށް ފޮނުއްވާ ދެ ބޭފުޅުންގެ ނަންތައް ހާމަވާނީ މާދަމާ ޖަލްސާގައެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ. ޖޭއެސްސީގެ ދައުރަކީ ފަނޑިޔާރުން އައްޔަންކުރުމަށް ރައީސަށް ލަފާދިނުމެވެ.
މާދަމާގެ ޖަލްސާގައި މީގެ އިތުރުން ނޭޕާލް، އަޔަލެންޑް އަދި ޔޫކްރެއިނަށް އައްޔަންކުރާ ސަފީރުންގެ ނަންތައް ވެސް ހުށަހެޅިގެންދާނެއެވެ.
ސުޕްރީމް ކޯޓުގެ މި ދެ މަގާމު ހުސްވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ. މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، ހުސައިން ޝަހީދު އަދި އާއިޝާ ޝުޖޫން މުހައްމަދެވެ. ފަނޑިޔާރު ޝަހީދު އައްޔަންކުރެވުނީ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ