ދެގަޑިއިރު ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ލިބެން ފަށައިފި

ދެގަޑިއިރު ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ލިބެން ފަށައިފި

Author
ހުސެއިން
01 ޖޫން 2025 03:46
0

މިއަދު މެންދުރުފަހު 12:30 ގައި މާލެ ސަރަހައްދުން ކަރަންޓު ކެނޑި، ގާތްގަނޑަކަށް ދެގަޑިއިރު ފަހުން ބައެއް ސަރަހައްދުތަކަށް ކަރަންޓު އަލުން ލިބެން ފަށައިފިއެވެ.

ކަރަންޓު ކެނޑުނުތާ ގަޑިއިރެއް ފަހުން 13:30 ގައި ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ ކުރިން އިންޖީނުތަކުގެ ޗެކަޕް ހަދަމުންދާ ކަމަށެވެ. މި މަސައްކަތް ނިމުމުން ޖެންސެޓުތައް އެނަޖައިޒްކޮށް ކަރަންޓު ދޭން ފަށާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދިނެވެ.

މި ހާދިސާއާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި ދަރިވަރުން ގެއަށް ފޮނުވައިލެވުނެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ މުހިންމު ތަންތަނަށް ވެސް ކަރަންޓު ނުލިބި ހުރި ނަމަވެސް، މި ދެ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ކަރަންޓު ދިނުމަށް އިސްކަންދީފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި، މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަރަންޓުގެ ޚިދުމަތް އިންތިޒާމް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން ޚާއްސަ ތަހުގީގެއް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ސްޓެލްކޯއިން ދިން އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެފައިވަނީ، މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށާއި، އަދިވެސް ކަރަންޓު ނުލިބޭ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.