މާލެ ސަރަހައްދުގެ ކަރަންޓު ކެނޑުން: އެމްޓީސީސީ ބަހުގެ ހިދުމަތް ވަގުތީ ގޮތުން ހިލޭ

މާލެ ސަރަހައްދުގެ ކަރަންޓު ކެނޑުން: އެމްޓީސީސީ ބަހުގެ ހިދުމަތް ވަގުތީ ގޮތުން ހިލޭ

Author
ހުސައިން
01 ޖޫން 2025 02:58
0

މިއަދު މެންދުރު 12:45 ގައި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން އެމްޓީސީސީގެ ބަހުގެ ހިދުމަތް ވަގުތީ ގޮތުން ހިލޭ ފޯރުކޮށްދޭން ނިންމައިފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މި ހާދިސާ ހިނގީ ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ނިވުމުގެ ސަބަބުންނެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ޓިކެޓް ނަގާ ނިޒާމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ފަސިންޖަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ނަމަވެސް ދަތުރުފަތުރުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ޔަގީންކަން ދީފައިވެއެވެ.

މި ހާދިސާގެ ސަބަބުން ގްރޭޓާ މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވެސް ކަރަންޓު ކެނޑުނު ނަމަވެސް، މި ތަންތަނަށް އަވަސް ގޮތެއްގައި ކަރަންޓު އަނބުރާ ދީފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. އަދި މައްސަލައިގެ ސަބަބު ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވީ އެންމެ އަވަހަކަށް ހުރިހާ ސަރަހައްދަކަށް ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން ސްކޫލްތަކުން މެންދުރު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައި ދަރިވަރުން ގެއަށް ފޮނުވާލައިފައިވެއެވެ. މާލެ ސަރަހައްދުން މިފަދަ ގޮތަކަށް ކަރަންޓު ކެނޑިފައިވަނީ ގިނަ ދުވަސްތަކަކަށް ފަހުގެ ކަމެކެވެ.

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބައްލަވައި، ކަމާ ގުޅޭ އިދާރާތަކަށް ފިޔަވަޅު އެޅުމަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް އެ އިދާރާއިން އެންގިއެވެ. ކަރަންޓު ކެނޑުނު ސަބަބާއި، ޒިންމާދާރު ފަރާތްތައް ދެނެގަތުމަށް މި ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.