މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިގެން ދިޔަ މައްސަލައަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްޓޭލްކޯގެ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މެންދުރުފަހު 12:45 ގައި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔައެވެ. މި ހާދިސާ ދިމާވުމުން ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ ސަރަހައްދުތަކުގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.
ހައްޖުގެ އަޅުކަން އަދާކުރައްވަން ސައުދީ އަރަބިއްޔާގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ، މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލައި، އަވަސް ފިޔަވަޅުތައް އެޅުމަށް އަންގަވާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އެންމެހައި އިސްލާހުތައް ސަރުކާރުން ގެންނަވާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން…
— Dr Mohamed Muizzu (@MMuizzu) June 1, 2025
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، ތަހުގީގު ފަށާފައެވެ. ކަރަންޓު ކެނޑުނު ސަބަބުތައް ދެނެގަނެ، ޒިންމާދާރު ފަރާތްތައް ކަނޑައެޅުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ.
ކަރަންޓު ކެނޑިގެން ދިޔުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތަކުގެ ތެރޭގައި ގޭބިސީތަކުގައި ފެން ނުލިބުމާއި، ލިފްޓްތައް ހުއްޓުމާއި، އެއާކޯންތައް ބޭނުން ނުކުރެވުން ހިމެނެއެވެ. މީގެ އިތުރުން މެންދުރު ދަންފަޅީގެ ސްކޫލްތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ. ވިޔަފާރިތަކާއި އޮފީސްތަކުގެ މަސައްކަތްތަކަށް ވެސް ހުއްޓުމެއް އައެވެ.
މި ހާދިސާއަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރުވައިދޭ ކަމެކެވެ. ސަރުކާރުން ވަނީ މިފަދަ ހާދިސާތައް ކުރިމަގުގައި ނުދިމާވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ކޮމެންޓު ފޮނުވާ