ރާއްޖޭގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ: ރައީސް

ރާއްޖޭގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ: ރައީސް

Author
ހުސައިން
31 މެއި 2025 09:11
0

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސްރީލަންކާގެ މަޝްހޫރު ނޫސް "ދަ ސިލޯން ޓުޑޭ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް މިގޮތަށް ވިދާޅުވީ، ޗައިނާގެ ދިރާސާ އުޅަނދެއް ސްރީލަންކާގެ ސަރަހައްދަށް ވަނުން މަނާކުރި ނަމަވެސް، ދިވެހިރާއްޖޭގެ ސަރަހައްދަށް އެ އުޅަނދު ވަނުމުގެ ހުއްދަ ދިންކަމާ ގުޅޭ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިންޑިއާ ކަނޑުގެ އަމާންކަމާއި ހަމަޖެހުން ނެގެހެއްޓުމަށް ދިވެހިރާއްޖެއިން ޚާއްސަ އަހަމިއްޔަތެއް ދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރަހައްދުގެ ސުލްހަމަސަލަސްކަމަށް ނުރައްކާވާ ފަދަ އެއްވެސް ހަރަކާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް، ސަރަހައްދުގެ އެންމެހައި ގައުމުތަކާ ހަމަހަމަ ގޮތެއްގައި ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ދިވެހިރާއްޖެއިން ދެމުންދާ ތާއީދު ހަރުދަނާ ކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ދަތުރުކުރުމުގެ ފުރުސަތު އިހުތިރާމާއި ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ވެސް ދެމުންދާނެ ކަމަށެވެ. ނަމަވެސް، މިކަމުގައި އަބަދުވެސް ގައުމީ މަސްލަހަތާއި ބައިނަލްއަގުވާމީ އުސޫލުތަކަށް ފުރިހަމައަށް ރިއާޔަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ އުޅަނދުތަކަށް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމުގައި ބަލާ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ގައުމީ މަސްލަހަތާއި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މި އުސޫލުތަކުގެ މަތިން ކުރިން ވެސް އެމެރިކާ އާއި އިންޑިއާގެ ބައެއް މަނަވަރުތަކަށް ދިވެހިރާއްޖޭގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ތާރީޚީ ގޮތުން ހިތްހެޔޮކަމާއި މެހުމާންދާރީގައި މަޝްހޫރު ގައުމެއް ކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ މި ރީތި ސިފަތައް ދެމެހެއްޓުމަށް ސަރުކާރުން ދެމިތިބޭނެ ކަމަށެވެ. އަދި މި ސަރަހައްދުގެ އެއްވެސް ގައުމަކާ ޚިޔާލު ތަފާތުވުމަކީ ސަރުކާރުގެ ނިޔަތެއް ނޫންކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.