މާލޭގެ ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ މީހުންނަށް ލާޖައްސާފައި ގޯތިދޭ މަޝްރޫއެއް މިއަހަރު ފަށަނީ

މާލޭގެ ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ މީހުންނަށް ލާޖައްސާފައި ގޯތިދޭ މަޝްރޫއެއް މިއަހަރު ފަށަނީ

Author
ހުސައިން
31 މެއި 2025 03:16
0

މާލޭގައި ހަނި ގޯޅިތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް، އެމީހުންގެ ގޯތި ދޫކޮށްލުމުން ލާޖެއްސުމުގެ އުސޫލުން މާލެ ސަރަހައްދުން އައު ގޯތި ދޭނެ ޕްރޮގްރާމެއް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ފާހަގަކުރެއްވީ، މާލޭގައި ވަރަށް ހަނި ގޯޅިތަކުގައި ދިރިއުޅޭ މީހުންނާއި، ބޭންކުން ލޯނު ނުލިބޭ ފަދަ ގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހައްލެއް ހޯދައިދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، "އިކޮނޮމިކަލީ ބޭންކަބަލް ޕްރޮޖެކްޓަކަށް ނުވާ ސަރަހައްދު ހުންނަ ވަރަށް ގިނަ ގޯތި އެބަހުރި" ކަމަށާއި، މިފަދަ ގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލާޖެއްސުމުގެ އުސޫލުން މާލެ ސަރަހައްދުން ބިން ދިނުމަށްފަހު، އެ ގޯތިތައް ދައުލަތަށް ނެގުމަށް ރާވާފައިވާ ކަމަށެވެ. މިގޮތުން އެފަރާތްތަކަށް ލޯނު ލިބޭނެ މަގު ފަހިވެ، އައު ގޯތި ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް، އެ ގޯތީގެ ސައިޒާ އެއްވަރުގެ ގޯއްޗެއް މާލެ ސަރަހައްދުން ހިއްކާ ތަންތަނުން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް އިޢުލާނުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ގިރާވަރު ފަޅާއި ގުޅި ފަޅު ހިއްކުމުން އިތުރު ޖާގަ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ވެސް ހަލުވިކުރުމަށް މަސައްކަތްކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން މާލޭގެ ހަނި ގޯތިތައް ސަރުކާރަށް ނެގުމަށްފަހު، އެ ތަންތަނުގައި މާލެ ހިތްގައިމު ސިޓީއަކަށް ހެދުމަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭގައި މި ޕްރޮގްރާމް ފެށި، ގޯތި ލިބޭނެ ތަންތަން ކަނޑައަޅައި، ރަސްމީ ލިޔުންތައް ބައިވެރިވާ ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.