ސަރުކާރުގެ އަމާޒަކީ ފުރަތަމަ ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުން

ސަރުކާރުގެ އަމާޒަކީ ފުރަތަމަ ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުން

Author
ހުސައިން
31 މެއި 2025 03:01
0

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުގައި ޞިއްޙީ ޚިދުމަތްތަކަށް ފުރަތަމަ އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް ފާހަގަކުރެއްވީ، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަކީ މިސަރުކާރުގެ ދެވަނައަށް އެންމެ މުހިންމު ސިޔާސަތުކަމަށެވެ.

މޯލްޑިވްސް 2.0 ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދަވާ ޑިޖިޓަލް ބަދަލުތަކުގެ ތެރޭގައި ޞިއްޙީ ނިޒާމު ޑިޖިޓަލްކޮށް ހަރުދަނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަކީ އެހެން ހުރިހާ ދާއިރާއަކާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް ފާހަގަކުރައްވައި، އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި، އުމްރާނީ ތަރައްޤީއާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، މިވަގުތު 400 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގުގެ ޞިއްޙީ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާކަމަށެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިވެހިން ދާންޖެހުން ހުއްޓުވުމަކީ ސަރުކާރުގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރަމުން ގެންދަވަނީވެސް މި މަޤްޞަދު ޙާޞިލުކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙަތުގެ ދާއިރާއަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓަކީ ބަލިތައް ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ޕްރިވެންޓިވް ހެލްތުކެއާ ނުވަތަ ބަލިތަކުން ރައްކާތެރިވުމުގެ ޚިދުމަތްތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް 2.0 ޕްރޮގްރާމަކީ ދައުލަތުގެ ނިޒާމުން ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ މަޢުލޫމާތުގެ ފުރިހަމަ ބާރުވެރިކަން ލިބިދޭ ނިޒާމެއްކަމަށް ރައީސް ވިދާޅުވިއެވެ. މި ޑިޖިޓަލް ބަދަލުގެ ސަބަބުން ސަރުކާރުގެ ޚަރަދުތައް ކުޑަވެ، މަސައްކަތުގެ ހަލުވިކަން އިތުރުވެ، ޝަފާފިއްޔަތު އިތުރުވުމާއެކު ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.