ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ތަޖިކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޤަހީރު ރަސޫލްޒޮދާއާ ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ މައްސަލަތަކާ ބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
"ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ބައިވެރިވުމަށް ތަޖިކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި، ނައިބު ރައީސް އެ ގައުމުގެ ބޮޑުވަޒީރަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެކެވުނެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންވެސް މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަމާ މެދު ބޮޑު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށާއި، ކަނޑުގެ ލޮނުގަނޑު މަތިވުމަކީ ރާއްޖެއަށް ސީދާ ގޮތެއްގައި ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ.
މަޝްވަރާތަކުގައި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށްވެސް ބޮޑު އިސްކަމެއް ދެވުނެވެ. ދެ ގައުމުގެ ދެމެދުގައި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ހިއްސާކުރުމާއި، ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެކެވުނެވެ.
ތަޖިކިސްތާނުގެ ބޮޑުވަޒީރު ރަސޫލްޒޮދާ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރުގައި ލީޑަރެއްގެ ގޮތުގައި ގަބޫލުކުރައްވާ ގައުމެއް ކަމަށް ވިދާޅުވެ، ތަޖިކިސްތާނުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ބޮޑު ޝައުޤުވެރިކަން އޮތްކަން ފާޅުކުރެއްވިއެވެ. އެ ގައުމުގެ ފަތުރުވެރިކަން ތަރައްގީކުރުމުގައި ދިވެހިރާއްޖެއިން ލިބިދާނެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ދެ ލީޑަރުންވެސް ދެ ގައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާ ކުރާނެ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު ތަކުރާރުކުރެއްވިއެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން އުފުލާ ހިފެހެއްޓެވިއެވެ.
ކޮމެންޓު ފޮނުވާ