މޯލްޑިވްސް އިމިގްރޭޝަނުން އޮފިސަރު ޓްރެއިނީގެ 50 މަޤާމަށް މީހުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 861 ފަރާތަކުން ކުރިމަތިލާފައިވާއިރު، ވަޒީފާގެ އިމްތިހާނުގައި 549 ފަރާތަކުން ބައިވެރިވެފައިވެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މެއި 24 ވަނަ ދުވަހު ބޭއްވުނު ވޯކް-އިން އިންޓަވިއުއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 758 ފަރާތެއްގެ ޝަރުތު ހަމަވެފައިވެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 40 އަހަރު ނުވާ ފަރާތްތަކަށެވެ.
އިންޓަވިއުގެ ބައެއްގެ ގޮތުގައި ހިމެނޭ އިމްތިހާން ބާއްވާފައިވަނީ މި މަހުގެ 28 އާއި 29 ވަނަ ދުވަހުއެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، އިމްތިހާނުން އެންމެ މަތިން މާކްސް ހޯދާ 50 ފަރާތުގެ ނަންތައް ވަރަށް އަވަހަށް އާންމުކޮށް އިއުލާންކުރާނެއެވެ.
އިމްތިހާނުގެ އިންތިޒާމުތައް ބަލާލެއްވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު އާއި ޑެޕިއުޓީ ކޮންޓްރޯލަރު އަޙްމަދު އަޝްފާން ވަޑައިގަތުމަކީ މި އިމްތިހާނަށް ދެއްވި އަހަންމިއްޔަތު ދައްކުވައިދޭ ކަމެކެވެ.
އިމިގްރޭޝަން އޮފިސަރު ޓްރެއިނީގެ މަޤާމުތަކަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއު ކަމުގައިވާ މި ޕްރޮގްރާމަކީ އިމިގްރޭޝަނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ނަގާފައިވާ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ