އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްކަމުގައިވާ، ޓެޑް ކުރޫޒް އިސްވެ ހުންނަވައިގެން، އަންނަ ހަފްތާގައި އޮންނަ، އިލެކްޓޯރަލް ވޯޓުން ބައިޑްންއަށް ލިބިފައިވާ ނަތީޖާއަށް ރުހުން ނުދޭނެ ކަމަށް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސެނެޓަރުން ބުނަން ފަށައިފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، އިލެކްޓޯރަލް ވޯޓުން ކުރިހޯދެވި ކެޑިޑޭޓް، ކުރީގެ ނާއިބް ރައީސް ޖޯބައިޑްންއަށް ރުހުން ދިނުމަށްޓަކާ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އަންނަ ހަފްތާގައި އެއްވާނެއެވެ. އަދި މިއީ، އިންތިޚާބީ ރައީސް ޖޯބައިޑްން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ކަށަވަރު ވެދިއުމުގެ އެންމެ ފަހުގެ މަރުހަލާއެވެ.
ސެނެޓަރ ޓެޑް ކުރޫޒް އިސްވެ ހުންނަވައިގެން، އެއް ގުރޫޕެއްގެ ގޮތަށް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ގާނޫނު ހަދާ މަޖަލީހުގެ މި މެމްބަރުން މިހާރުވަނީ، ޚިޔާލު ތަފާތުވުން އުފެދިފައިވާ ސްޓޭޓްތަކުގައި ވޯޓުލުން ކުރިޔަށް ދިޔަ ގޮތް ތަހުގީގު ކުރުމަށް ޚާއްސަ އިލެކްޓޯރަލް ކޮމިޝަނެއް އުފެއްދުމަށް ގޮވާލަމުންނެވެ. އަދި މިކޮމިޝަނަށް ތަހުގީގު ކުރުމުގެ ބާރު ދިނުމަށާއި، މިކޮޝަނުން 10 ދުވަހުގެ އިމަޖެންސީ އޮޑިޓެއް ހެދުމަށްވެސް ސެނެޓަރުން ވަނީ ގޮވާލައްވާފައެވެ.
"އިލެކްޓޯރަލް ކޮމިޝަނެއް އުފައްދާ، އަދި ޚިޔާލު ތަފާތުވުން އުފެދިފައިވާ ސްޓޭޓްތަކުގައި ވޯޓުލުން ކުރިޔަށް ދިޔަ ގޮތުގެ އިމަޖެންސީ އޮޑިޓެއް ހަދާ އެ އޮޑިޓްގެ ނަތީޖާ ނުލިބޭހާހިދަކު، އަހަރުމެން މި ސްޓޭޓްތަކުގެ އިލެކްޓޯލް ވޯޓުގެ ނަތީޖާ ސައްހަކަމަށް ވޯޓެއް ނުދޭނަން،" އިންތިޚާބުގެ ނަތީޖާއަށް ރުހުން ނުދޭނެކަމަށް ބުނަމުންދާ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް، މިބާޔާނުގައި، ޚިޔާލުތަފާވުން އުފެދިފައިވާ ކަމަށް މި ސެނެޓަރުން ވިދާޅުވާ ސްޓޭޓްތަކަކީ ކޮބައިކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު، އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާއަށް ރުހުން ދިނުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ. މިވޯޓާއެކު، އާންމު ގޮތެއްގައި، އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، އުސޫލީ ކަމެއްގެ ގޮތުގައި މިހާތަނަށް އަމަލް ކުރެވެމުންދިޔަ ގިނަ ކަންކަމުގެ ތެރެއަށް ވަދެގެންއައި އެތަކެއް މަސްލަތަކަކަށް ނިމުން އަންނާނެވެ.
އެމެރިކާގެ ކުރީގެ ނާއިބު ރައީސް ޖޯބައިޑްންއަށް އިންތިޚާބުގައި ބޮޑުތަނުން ކުރި ލިބިފައި ވީނަމަވެސް، އަދިވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.
އަދި މީގެއިތުރުން، އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށްބުނެ، އިންތިޚާބުގެ ނަތީޖާ އަބުރާލުމަށް، ޓްރަމްޕާއި އޭނާގެ ބައިވެރިންވަނީ، ކުރެވެން ހުރިހުރިހާ މަސައްކަތެއް ކޮށްފައެވެ. މީގެތެރޭގައި، އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން އެމެރިކާގެ ކޯޓުތަކުގައިވެސް ޗެލެންޖް ކޮށްފައި ވެއެވެ. ހަމަ އެއާއެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް، ބައިޑްންއަށް ލިބިގެން ދިޔަ އިލެކްޓޯރަލް ވޯޓުގެ ނަތީޖާއަށް އެމެރިކާގެ ސެނެޓުން ރުހުން ލިބިގެން ދިޔަ ނުދިނުމަށްވެސް، ޓްރަމްޕްގެ ޓީމުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"އިންތިޚާބުގައި އަހަރެންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީ ވަގަށް ނަގަން ފުރުސަތު ނުދެވޭނެ،" އެމެރިކާގެ ސެނެޓުގައި، ބައިޑްންގެ ނަތީޖާއާއި ދެކޮޅު ހައްދަވާނެކަން ހާމަކޮށްފައިވާ 11 ސެނެޓަރުންގެ ލިސްޓާއިއެކީ ޓްރަމްޕް ޓުވީޓު ކުރައްވާފައި ވެއެވެ. އަދި ވިދާޅުވެފައިވަނީ: "އަދި ހަގީގަތް ހާމަވެ، އިތުރު އެތައް ސެނެޓަރުންނެއް މިޓީމާ ގުޅޭނެ..އެމީހުން މަސައްކަތަށްޓަކާ އަހަރެމެންގެ ގައުމު އެމީހުން ދެކެ ލޯބިވާނެ!"
އެހެންނަމަވެސް، ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުންގެ މިމަސައްކަތް ބޮޑުތަނުން ފެއިލް ވެގެންދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތަކުން ވިދާޅުވެއެވެ.