ޖަލުގެ ބަދަލުގައި ކަނޑައަޅާ އަދަބުތައް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުން އެމްސީއެސްއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާ ގުޅޭގޮތުން މިފަހުމުނާމާގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްސީއެސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުއެވެ.
ފަހުމުނާމާގެ ދަށުން ކޯޓުތަކުން ޤައިދީން ތަޢުލީމީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް އަމުރުކުރާ ޙާލަތްތަކުގައި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ހިންގާ ޕްރޮގްރާމްތަކުގައި ޤައިދީން ބައިވެރިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެހީތެރިވާނެއެވެ.
މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ކައުންސިލާއި އެންޖީއޯތަކާއި އެހެނިހެން ދާއިރާތަކުން މަޢުލޫމާތު ހޯދައި އެމްސީއެސްއާ ހިއްސާކުރުމާއި، އެފަދަ މަސައްކަތްތައް ހަމަޖެއްސުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.
ޖަލު ބަންދުގެ ބަދަލުގައި ކަނޑައަޅާ އަދަބުތައް ތަންފީޒުކުރާ މުއްދަތުގައި ޤައިދީން މުޖުތަމަޢުން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަނބުރާ ގުޅިގެން ދިއުމުގައި މުޖުތަމަޢުގެ ދައުރު އާންމުންނަށް އަންގައިދީ ހޭލުންތެރިކުރުމަށް ބޭނުންވާ އެހީތެރިކަންވެސް ކައުންސިލުން ފޯރުކޮށްދިނުމަށް ފަހުމުނާމާގައި ހިމެނިފައިވެއެވެ.
މިފަހުމުނާމާއަކީ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމުގައި އެމްސީއެސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އަދަބު ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލްތަކުން އެމްސީއެސްއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ފަހުމުނާމާއެކެވެ.
ކޮމެންޓު ފޮނުވާ