ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ރޭ ރާއްޖޭގެ ހަތަރު އަތޮޅެއްގައި ޑަޔަލަސިސް ޚިދުމަތް ފައްޓަވައިދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވި މި ޚިދުމަތް ލިބޭނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒާއި، މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ތ. އަތޮޅު ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ރާއްޖޭގެ އަތޮޅުތަކުގައި ޑަޔަލަސިސް މަރުކަޒުތައް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ.
ސިއްޙަތު ވުޒާރާއިން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، މިހާރު ރާއްޖޭގެ ފަސް އަތޮޅެއްގައި މެނުވީ އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސް ޚިދުމަތް ފަށާފައިވާކަން އެނގެއެވެ. މި ޚިދުމަތް އަދި ނުފެށި އަތޮޅުތަކަކީ އއ، އދ، ވ، ފ އަދި ދ. އަތޮޅެވެ. ނަމަވެސް މި އަހަރު ނިމޭއިރު މި އަތޮޅުތަކުގައިވެސް ޑަޔަލަސިސް ޚިދުމަތް ފެށޭނެކަމަށް ސިއްޙަތު ވުޒާރާއިން ވަނީ ޔަޤީންކަން ދީފައެވެ.
މި އަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑަޔަލަސިސް ޚިދުމަތް ފަށާފައިވާއިރު، ފާއިތުވި އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ވަނީ ފައްޓާފައެވެ.
ސަރުކާރުން ބުނާގޮތުގައި ޑަޔަލަސިސް ފަރުވާ ބޭނުންވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައި މި ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ހަމައެއާއެކު ރާއްޖޭގެ ސިއްޙީ ނިޒާމް ފުޅާކޮށް، ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ ރަށުގައި ހުރެގެން ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ވަނީ އަޒުމް ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ