ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ދިވެހި ނަރުހުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ސިއްހީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ގެނެސްފައިވާ ތަރައްގީތަކާއެކު އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވުނު ނަމަވެސް، އެ މަގާމުތަކަށް ދިވެހި ނަރުހުން ނުލިބޭ ކަމަށެވެ.
ސިއްހީ ޚިދުމަތް ދެމުން ގެންދިއުމަށްޓަކައި ބޭރުގެ ނަރުހުންގެ އެހީތެރިކަން ހޯދަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތަމްރީނު ލިބިފައިތިބި ދިވެހި ނަރުހުން މި މަސައްކަތަށް ނުކުތުމަށް ރައީސް ގޮވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އުމްރާނީ ތަރައްގީއާއި، ޓެކްނޮލޮޖީއާއި، އިންސާނީ ވަސީލަތުގެ ދާއިރާތަކުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ސިއްހީ ދާއިރާގައި ފައިސާ ބޭކާރުވުމާއި، ބޭސް ސަޕްލައި ކުރުމުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދުންފަތުގެ ކޮންޓްރޯލާ ބެހޭގޮތުން ރައީސް އަޅުއްވާފައިވާ ފިޔަވަޅުތަކަށް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލްގެ ފަރާތުން ރައީސަށް ޚާއްސަ އެވޯޑެއް ހަދިޔާކުރެއްވިއެވެ.
ޑަބްލިއުއެޗްއޯއިން އިންތިޒާމުކުރި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރުގެ އިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ