ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މިއަދު 2:30 ގައި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މިއަދު 2:30 ގައި

Author
ހުސައިން
30 މެއި 2025 10:28
0

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ބިންވެރިޔާ ސްކީމުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް އައު ގުރުއަތުލުމެއް ބޭއްވުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، މި ގުރުއަތުލުން މިއަދު ހަވީރު 2:30 ގައި އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާނެކަމަށެވެ. މި ގުރުއަތުލުމުގައި ބައިވެރިވާނީ މިހާރު ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކެވެ.

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، 1,250 އަކަފޫޓުގެ 684 ގޯއްޗާއި، 1,650 އަކަފޫޓުގެ 1,242 ގޯއްޗާއި، 2,050 އަކަފޫޓުގެ 923 ގޯއްޗާއި، 2,450 އަކަފޫޓުގެ 479 ގޯއްޗާއި، 2,850 އަކަފޫޓުގެ 158 ގޯއްޗާއި، 3,250 އަކަފޫޓުގެ 49 ގޯއްޗާއި، 3,650 އަކަފޫޓުގެ 22 ގޯތި ހިމެނެއެވެ.

މިނިސްޓްރީން ބުނެފައިވަނީ، ގުރުއަތުލުމުގައި ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ބައިވެރިވެވޭނެކަމަށެވެ. ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ބައިވެރިވާން ބޭނުންނަމަ، ގޯތި ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ބައިވެރިވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ގުރުއަތުލުން ކުރިއަށްދާއިރު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޕްލޮޓް ލިބޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ވަގުތުން މައުލޫމާތު ފޮނުވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، މި އިވެންޓް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ލައިވްކޮށް ދައްކާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ބެހޭ މައުލޫމާތު ކުރިއަށް އޮތް ތާރީހެއްގައި ހިއްސާކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.