މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާޕާސަން ކަމުގެ މަގާމަށް އައިޝާ ނޫރްއައިން ޖަނާހު ހަމަޖައްސައިފިއެވެ. މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމަށް އަހްމަދު ޝަހީރު ހަމަޖެހިފައިވާ ކަމަށް ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓްތަކުގައި ހާމަކޮށްފައިވެއެވެ.
އައިޝާ ނޫރްއައިން ޖަނާހު އަކީ މިހާރުގެ ސަރުކާރުގެ ދައުރުގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅެކެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ މަގާމަށް ހަމަޖެހުނު ނޫރްއައިން، ހައެއްކަ މަސްދުވަސް ވަންދެން އެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވިއެވެ. އެކަމަށް ދިމާވި ސަބަބު ނަމަވެސް ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރޭޑް އެންޑް އިންވެސްޓްމަންޓް ޕްރިންސިޕަލް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރިފުޅު ކަމުގައިވާ ނޫރްއައިން، ތައުލީމީ ފެންވަރު މަތިކުރެއްވީ ނިއުޒިލޭންޑުގައެވެ. ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު، އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން އެކައުންޓިންގ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައިވެއެވެ.
އެޗްޑީސީގެ ޗެއާމަންކަމަށް ހަމަޖެހިފައިވާ މ. ލާލުބާގް، އަހްމަދު ޝަހީރު އަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ކުރެއްވި ޝަހީރު، 2015 އިން 2018 އަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެއެވެ.
އެމްއޭސީއެލްގެ ޗެއާމަންކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިވެވަޑައިގަތުމުން، އެ ކުންފުނީގެ ޗެއާމަންގެ މަގާމު ހުސްވެފައި އޮތް ކަމަށްވެއެވެ. މިހާރު އެ މަގާމަށް ނޫރްއައިން ހަމަޖެހުމުން އެ ކުންފުނީގެ އިސް ވެރިކަމުގެ އޮނިގަނޑު ފުރިހަމަވެގެން ދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ