މާލޭ ސިޓީ ކައުންސިލުން ބާއްވާ ހަފުލާތަކުގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް މިއަދު ނިންމައިފި އެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، މިއަދު ބޭއްވުނު ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ކުރެވުނު މަޝްވަރާތަކަށްފަހު މި ނިންމުން ނިންމީ ކަމަށް ކައުންސިލްގެ ވެބްސައިޓުގައި ހާމަކޮށްފައިވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލުން ކުރިއަށް އޮތް ތަނުގައި ބާއްވާ ހަފުލާތަކުގައި ދުފުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ބޭނުން ނުކުރާނެ ކަމަށެވެ. މި ނިންމުމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އިތުރުން، ޖަލްސާގައި ބައިވެރިވި އެހެން ކައުންސިލް މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެ އެވެ.
ޖަލްސާގައި ބައިވެރިވި ކައުންސިލް މެމްބަރުން ފާހަގަކުރެއްވީ، ދުފުން އިންސާނުންގެ ސިއްހަތަށް ކޮށްފާނެ ގެއްލުންތަކަށް ބަލާއިރު، މި ނިންމުމަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ ސިއްހީ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މި ނިންމުން ނިންމި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މި ނިންމުމުގެ ދަށުން، މީގެ ފަހުން މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެންމެހައި ހަފުލާތަކުގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބެހެއްޓުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ