މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ހިސާބަކަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މިއަދު މެންދުރު 14:00 އިން ރޭގަނޑު 20:00 އާ ދެމެދު މި ސަރަހައްދުތަކަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ކަނޑުތައް ގަދަވާނެއެވެ.
މެޓް އޮފީހުން ދީފައިވާ މައުލޫމާތުގައި ވާގޮތުން ކުރިއަށް އޮތް ތިން ދުވަހު ތެރޭގައި ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު އިތުރުވާނެއެވެ. ހާއްސަކޮށް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މޫސުން ގޯސްވުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށާއި، މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ލަފާދީފައިވެއެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. ދަތުރަށް ނުކުތުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް އެ އިދާރާއިން ލަފާދީފައިވެއެވެ.
ކޮމެންޓު ފޮނުވާ