ފިހާރައަކުން އަގުބޮޑު ގަޑިއެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި 47 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. ސ. ހުޅުދޫ އަބުލައީގޭ މުހައްމަދު ސިމާދު ހައްޔަރުކުރީ އަންހެނުންގެ ހެދުމާއި މޫނުބުރުގާ އަޅައިގެން 67،500 ރުފިޔާގެ އޮމެގާ ބްރޭންޑުގެ ގަޑިއެއް ވަގަށްނެގި ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވާ ގޮތުގައި މި ވައްކަމުގައި ތިން މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ތަހުގީގު ކުރަމުން ދެއެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ސިމާދު ވަނީ އަންހެން ހެދުން އަޅައި، ސިފަ ނޭނގޭ ގޮތަށް މޫނުބުރުގާ އަޅައިގެން ފިހާރައަށް ވަދެ ގަޑި ނަގާފައެވެ.
ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ވަގަށްނެގި ގަޑި އަދި ހޯދިފައެއް ނުވެއެވެ. އަދި ގަޑި ވަނީ އެހެން މީހަކަށް ވިއްކާލާފައި ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ސިމާދުގެ ބަންދަށް ކޯޓުން 15 ދުވަސް ކަނޑައަޅާފައިވެއެވެ.
މުހައްމަދު ސިމާދު އަކީ ފާއިތުވި އަހަރު ތެރޭގައި އެކި ޖިނާއީ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާގެ ކުށުގެ ރެކޯޑުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކައުންޓަފީޓް ފައިސާ ގެންގުޅުމާއި، ސައިކަލު ވަގަށް ނެގުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުން ފަދަ ކުށްތައް ހިމެނެއެވެ. މީގެ އިތުރުން ފިހާރަތަކުން ވައްކަންކުރި މައްސަލަތަކެއްވެސް އޭނާގެ ނަމުގައި ރެކޯޑުވެފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ