ޓްރަމްޕްގެ ސަރުކާރުން ސްޓޫޑެންޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ޓްރަމްޕްގެ ސަރުކާރުން ސްޓޫޑެންޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި

Author
ހުސައިން
28 މެއި 2025 08:39
0

ސްޓޫޑެންޓް އަދި އެކްސްޗޭންޖް ވިސާ ދިނުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އަންގައިފިއެވެ. ވިސާ ދިނުމުގެ ކުރިން އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލުމުގެ ސިޔާސަތު ގަދަކުރުމަށް ނިންމެވުމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އެޅުއްވި ފިޔަވަޅެކެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް ލިބިފައިވާ ރޫބިއޯ ސޮއިކުރެއްވި ލިޔުމުގައި ބުނެފައިވަނީ، ސްޓޫޑެންޓް ވިސާއަށް އާ އެޕޮއިންޓްމަންޓް ދިނުން، ވަކި އިރުޝާދެއް ލިބެންދެން ފަސްކުރުމަށެވެ. މީގެ އިތުރުން، ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލުމާ ގުޅޭ އާ ގައިޑްލައިންތައް އަވަހަށް ނެރޭނެ ކަމަށް ވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

މި ފިޔަވަޅަކީ އެމެރިކާގެ ޔުނިވާސިޓީތަކުގެ އާމްދަނީގައި މުހިންމު ދައުރެއް އަދާކުރާ ބައިނަލްއަގްވާމީ ދަރިވަރުންނަށް ޓްރަމްޕް އިދާރާއިން އެޅި އެންމެ ފަހުގެ ހަރުކަށި ފިޔަވަޅެވެ. މީގެ ކުރިން ވެސް ސަތޭކަ ގިނަ ވިސާ ކެންސަލްކޮށް، ހާވާޑް ޔުނިވާސިޓީ ފަދަ ތަންތަނުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކުރުމުގެ ފިޔަވަޅުތައް އަޅާފައިވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް، މި މައްސަލައާ ގުޅޭ ގޮތުން ސީދާ ކޮމެންޓެއް ނުދެއްވި ނަމަވެސް، "އެމެރިކާއަށް އެތެރެވާ ފަރާތްތައް ކާކުކަން ބެލުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށް ވިދާޅުވި އެވެ. އަދި ވިސާއަށް އެދޭ ފަރާތްތަކުން އާންމު ޕްރޮސެސްތަކާ އެއްގޮތަށް ކުރިއަށް ދިއުމަށާއި، ބަލަންޖެހޭ ކަންކަން ބެލުމަށް ތައްޔާރުވުމަށް ވެސް އިރުޝާދު ދެއްވި އެވެ.

މިދިޔަ ހަފުތާގައި ސެނެޓުގައި ބޭއްވި އަޑުއެހުމެއްގައި ރޫބިއޯ ހާމަކުރެއްވި ގޮތުގައި، ޖެނުއަރީ 20 ގައި ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު "އެތައް ހާސް" ވިސާއެއް ކެންސަލްކޮށްފައިވެ އެވެ. މި ވިސާތަކުގެ ތެރޭގައި، އިޒްރޭލުގެ ޣައްޒާ ހަނގުރާމައާ ދެކޮޅަށް އަޑު އުފުލި ދަރިވަރުންގެ ވިސާތައް ވެސް ހިމެނޭ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ މިޝަންތަކުން ވިސާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގައި އާންމުކޮށް ވެސް ލަސްވާ ކަމަށް ފާހަގަކުރެވޭއިރު، މި ވަގުތީ މެދުކެނޑުން ދިގު މުއްދަތަކަށް ނުދާނެ ކަމަށް އުންމީދުކުރެވެ އެވެ. ރޫބިއޯގެ ލިޔުމުގައި ވެސް ބުނެފައިވަނީ، އާ އިރުޝާދުތައް "ލަސްނުވެ" ނެރޭނެ ކަމަށާއި، އޭރުން އެޕްލިކޭޝަންތައް ކުރިން ފަދައިން ބަލައިގަނެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.