އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާޑެންއަށް ގެއްލުން ދިނުމަށް ގަސްތުގައި އަލިފާން ރޯކުރާކަމަށް ތުހުމަތު ކޮށްފި

އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާޑެންއަށް ގެއްލުން ދިނުމަށް ގަސްތުގައި އަލިފާން ރޯކުރާކަމަށް ތުހުމަތު ކޮށްފި

Author
ހުސައިން
28 މެއި 2025 08:28
0

އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާޑެންގެ ސަރަހައްދުގައި އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވެފައިވާ ކަމަށް މަތިކިޅި ސޮސައިޓީން ހާމަކޮށްފިއެވެ. އެ ޖަމްޢިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފަހަރު އަލިފާން ރޯކޮށްފައިވަނީ އިކޯ ގާޑެންގެ އެންޓްރީ ވޯކްވޭގެ ދެކުނު ފަރާތުގައި ކަމަށެވެ.

މަތިކިޅި ސޮސައިޓީން ހާމަކުރި ގޮތުގައި މިހާދިސާއަކީ އިކޯ ގާޑެންއަށް ގަސްތުގައި ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.

އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކޮށް، އަލިފާން ނިއްވާލާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަތިކިޅި އިކޯ ގާޑެންގެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ތަކުރާރުވަމުން އަންނަ ކަމަށާއި، މިއަހަރުގެ މާޗު މަހުގައިވެސް އެ ސަރަހައްދުގައި ބޮޑު އަލިފާންގަޑެއް ރޯވެ، މަތިކިޅީގެ ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރި، ގިނަ ގަސްގަހާގެހި އަނދާފައިވާ ކަން ފާހަގަކުރެވެއެވެ.

މިފަދަ ހާދިސާތައް ތަކުރާރުވުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ކުރާ ގެއްލުން ބޮޑުވަމުންދާތީ، މި މައްސަލަ ބަލައި ޒިންމާދާރު ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.