ރާއްޖޭގައި ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމުގެ ޕްރީ-އޮޕަރޭޝަނަލް ލައިސަންސް އިތުރު ދެ ކުންފުންޏަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.
19 މެއި ގައި މި ލައިސަންސް ލިބުނު ދެ ފަރާތަކީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ. މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ އަށް ދޫކޮށްފައިވާ ހުއްދައަކީ އެ ކުންފުނީގެ ނަން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކަށް ބަދަލުކޮށް ބޭންކެއްގެ ގޮތުގައި ޚިދުމަތް ދިނުމުގެ ހުއްދައެވެ.
މި ދެ ކުންފުންޏަށް ވެސް ލިބިފައިވަނީ ޓިއާ 1 ބޭންކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދައެވެ. ނަމަވެސް ބޭންކިން ޚިދުމަތް ފަށައިގަތުމުގެ ކުރިން އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ. މި ޝަރުޠުތައް ފުރިހަމަވުމުން ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމުގެ ފުރިހަމަ ލައިސަންސް މި ދެ ފަރާތަށް ދޫކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.
މި ފިޔަވަޅަކީ ރާއްޖޭގެ މާލީ ޚިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، މާކެޓްގައި ވާދަވެރިކަން އިތުރުކޮށް، މާލީ ދާއިރާގެ ދިގު މުއްދަތުގެ ތަރައްޤީއަށް މަގުފަހިކޮށްދޭ މުހިންމު ހަރަކާތެއް ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ