ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފި

ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފި

Author
ހުސައިން
27 މެއި 2025 02:30
0

މާލޭގައި ހުންނަ ރެޑްވޭވް ޕްލާޒާއިން ޗޮކްލެޓެއް ވަގަށް ނެގުމުގެ ކުށުގައި 37 އަހަރުގެ ފިރިހެނަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ހދ. ހަނިމާދޫއަށް ނިސްބަތްވާ މި ފިރިހެން މީހާ ހައްޔަރުކުރީ ރެޑްވޭވް ޕްލާޒާގެ ފިހާރައަކުން ސްނިކާ ބްރޭންޑްގެ 50 ގްރާމްގެ ޗޮކްލެޓެއް ވަގަށް ނަގައި، ކައިލުމަށްފަހު އޭގެ ކަރުދާސް ޖީބަށް ލުމުގެ މަންޒަރު ފިހާރައިގެ ސީސީޓީވީ ކެމެރާއިން ފެނިގެންނެވެ. ފިހާރައިގެ މުވައްޒަފަކު މި މަންޒަރު ފެނުމުން އޭނާ ހިފަހައްޓައި ފުލުހުންނަށް މައުލޫމާތު ދިން އެވެ.

ކޯޓުގައި ބޭއްވި ބަންދު އަޑުއެހުމުގައި ތުހުމަތުކުރެވޭ މީހާ ބުނެފައިވަނީ، އޭނާ ވަގަށް ނެގި ޗޮކްލެޓަކީ ހަމައެކަނި 14 ރުފިޔާގެ އަގުހުރި ތަކެއްޗެއް ކަމަށާއި، އެހެންކަމުން 15 ދުވަހުގެ ބަންދަކީ މާ ދިގު މުއްދަތެއް ކަމަށެވެ. އަދި އޭނާ ވަނީ ބަންދުން ދޫކޮށްދިނުމަށް އެދިފަ އެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝީދު ބަންދުކުރުމަށް އަމުރު ކުރެއްވުމުގައި ފާހަގަކުރެއްވީ، މި މީހާއަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށެވެ. މިގޮތުން 2025 ވަނަ އަހަރު ތެރޭގައި އެކަނި ވެސް ތިން ފަހަރު މަތިން ތަފާތު ކުށްތަކުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު ވިދާޅުވީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކަމަށެވެ. މިއީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.