މިފަހަރު ވެގެންދާނީ ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ކަމަށާއި، ރާއްޖެއިން މި އަހަރު ހައްޖަށް ދާ ދިވެހިންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން އިއްޔެ ފުރަން ފެށުމާއެކު، މި އަހަރު ދިވެހި ހައްޖުވެރިންނަށް ޚާއްސަ ލުއި ފަސޭހަތަކެއް ލިބޭނެއެވެ. އެގޮތުން 'މައްކާ ރޫޓް އިނިޝިއޭޓިވް' ގެ ދަށުން ހައްޖުވެރިންނަށް ރާއްޖޭގެ އެއާޕޯޓުގައި ވަނިކޮށް ސައުދީ އެރޭބިއާގެ އިމިގްރޭޝަން ކަންތައްތައް ނިންމާލެވޭނެއެވެ. މިހެން ވުމުން ޖިއްދާ އެއާޕޯޓަށް ވާސިލްވުމުން އިމިގްރޭޝަންގައި މަޑުކުރާކަށް ނުޖެހި ސީދާ ހޮޓަލަށް ދެވޭނެއެވެ. ހައްޖުވެރިންގެ ބޭގްތައް ވެސް ސީދާ ހޮޓަލަށް ފޮނުވާލެވޭނެއެވެ.
ރާއްޖޭގައި މި ޚިދުމަތް އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒުގެ ދެކަނބަލުންނެއެވެ. މި ޚާއްސަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދުނިޔޭގެ އެންމެ 8 ގައުމަކަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖުވެރިންނަށް ސައުދީ އެރޭބިއާއިން ވަރަށް ޚާއްސަ މަރުހަބާއެއް ކިޔައިދިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހައްޖުވެރިންނަށް އެއާޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ދަތުރުފޮއްޓާއި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި ފަހަރުގެ މުޅި ހައްޖު ދަތުރުގައި ވެސް ދިވެހި ހައްޖުވެރިންނަށް މިފަދަ އެތައް ލުއިތަކެއް ލިބި، ޚިދުމަތުގެ ފެންވަރު ވެސް ވަރަށް ރަނގަޅު ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ކުރިމަގުގައި މިއަށްވުރެ ވެސް ގިނަ ފަސޭހަތަކެއް ހޯދައިދެވޭތޯ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި ހައްޖުވެރިންނަށް މި އަހަރު ހޯދައިދެވުނު ބޮޑެތި ފަސޭހަތަކުގެ ސަބަބުން މާތް ﷲ ގެ ހަޒްރަތަށް ހަމްދުކުރައްވާ ކަމަށާއި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ހައްޖުވެރިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަމާއެކު މަބްރޫރު ހައްޖެއް މިންވަރުކޮށްދެއްވުމަށް އެދި ދުއާ ކުރައްވައިފިއެވެ.
ރާއްޖެއިން މި އަހަރު ޖުމްލަ 1000 މީހުން ހައްޖަށް ދާނެއެވެ. ހައްޖުވެރިންގެ ދެ ގްރޫޕެއް އިއްޔެ އާއި މިއަދު ފުރިފައިވާއިރު، ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް އިތުރު ހައްޖުވެރިން ފުރާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ.
ކޮމެންޓު ފޮނުވާ