ރާއްޖެއާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދިއްލީގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދިއްލީގައި ބާއްވައިފި

Author
ހުސައިން
26 މެއި 2025 08:04
0

ރާއްޖެއާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދިއްލީގައި ބާއްވައިފިއެވެ.

މި ގްރޫޕަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާއިތުވި އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަތް ތަސައްވުރުތައް ތަންފީޒުކުރުމަށްޓަކައި އުފެއްދެވި ކޯޕަރޭޝަން ގްރޫޕެކެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ނިއު ދިއްލީގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމާއި، އިގުތިސާދީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ސިއްހީ، ދިފާއީ އަދި މެރިޓައިމް ދާއިރާތަކުގައި ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ބޭއްވުނު އެ ގްރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވެފައިވާ މިންވަރު ދެނެގަނެ، ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ.

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި ވަފުދަށް އިސްކަމުން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ އިސް މަގާމުތަކުގެ ބޭފުޅުން ވެސް ރާއްޖޭގެ ވަފުދުގައި ޝާމިލުވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.