ލިވަޕޫލްގެ ކާމިޔާބީ ހަވާ އެރުވުމާއެކު ކުލަގަދަކޮށް ރާއްޖޭގައި ފާހަގަ ކޮށްފި

ލިވަޕޫލްގެ ކާމިޔާބީ ހަވާ އެރުވުމާއެކު ކުލަގަދަކޮށް ރާއްޖޭގައި ފާހަގަ ކޮށްފި

Author
ހުސައިން
26 މެއި 2025 08:40
0

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ފާއިތުވި ހަފްތާގައި 20 ވަނަ ފަހަރަށް ހޯދުމުގެ ޝަރަފު ލިވަޕޫލްއަށް ލިބުމުން، ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުން ކުލަގަދަ ހަފްލާއެއް ބާއްވައި ތާރީޚީ ކާމިޔާބީ ފާހަގަކޮށްފިއެވެ.

ދިވެހިރާއްޖޭގެ ލިވަޕޫލް ސަޕޯޓާސް ކްލަބުން އިންތިޒާމުކުރި މި ޚާއްޞަ ހަފްލާ ބޭއްވުނީ ހުޅުމާލޭ ފޭސް ދޭއްގައެވެ. ސީޒަންގެ ފަހު މެޗުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ސްކްރީނެއްގައި ދެއްކުމާއެކު، ސަޕޯޓަރުން ވަނީ ބޮޑުބެރާއި އެކު އުފާވެރި މާހައުލެއްގައި ޓީމަށް ސަޕޯޓް ކޮށްފައެވެ.

މި ތާރީޚީ ރޭގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ބައިވެރިވުމުން ހަރަކާތަށް ޚާއްޞަ ޝަރަފެއް ލިބިގެން ދިޔައެވެ.

އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް ސީޒަން ނިމުނުއިރު ލިވަޕޫލް ވަނީ ޓޭބަލްގެ އެއްވަނައިގައި އޮވެ، ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ލީގުގެ ތަށި ކެޕްޓަން ވާޖިލް ވަން ޑައިކްއާ ހަވާލުކުރި ވަގުތު، ހުޅުމާލޭގައި ޖަމާވެފައިތިބި ސަޕޯޓަރުން ވަނީ ހަވާ އަރުވައި، މި ކާމިޔާބީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި ފުޓްބޯޅަ ކްލަބެއްގެ ސަޕޯޓަރުން މިފަދަ ބޮޑު ޕަބްލިކް ހަރަކާތެއް ބާއްވާފައިވަނީ މިއީ ފުރަތަމަ ފަހަރެވެ. މި ހަރަކާތުން ދައްކުވައިދެނީ ރާއްޖޭގައި ލިވަޕޫލްއަށް ލިބިފައިވާ ބޮޑު ސަޕޯޓެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖެއަކީ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ރަސްމީ ޑެސްޓިނޭޝަން ޕާޓްނަރު ކަމެވެ. މި ޚާއްޞަ ޕާޓްނަރޝިޕުގެ ސަބަބުން ލިވަޕޫލް ކްލަބާއި ދިވެހިރާއްޖެ ގުޅިގެން އެކިއެކި މުހިންމު މަޝްރޫޢުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.