އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

Author
ހުސައިން
25 މެއި 2025 07:48
0

މޯލްޑިވްސް އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށީ އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. މި ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި ވިޔަފާރި ކުރާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ހަރުދަނާ ކުރަމުންނެވެ. މި އިދާރާތަކުން ބުނާ ގޮތުގައި، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ވިޔަފާރި ކުރާ އަދި އެނޫންވެސް ގޮތްގޮތުން ޙަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުޞަތެއް ނުދީ، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލެވިފައިވާ ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ބެހޭ މައްސަލަތައް ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. މި ޕްލެޓްފޯމަށް މިހާތަނަށް 1،297 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.