މިއަހަރު ޙައްޖަށް ދާ ދިވެހިންނަށް ކުރިން ނުލިބޭ ގިނަ ފަސޭހަތަކެއް ލިބިގެންދާނެ: ޝަހީމް

މިއަހަރު ޙައްޖަށް ދާ ދިވެހިންނަށް ކުރިން ނުލިބޭ ގިނަ ފަސޭހަތަކެއް ލިބިގެންދާނެ: ޝަހީމް

Author
ހުސައިން
25 މެއި 2025 12:21
0

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިއަހަރު ޙައްޖަށް ދާ ދިވެހިންނަށް ކުރިން ނުލިބޭ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޙައްޖު ކޯޕަރޭޝަނުން މިރޭ ބޭއްވި ތަމްރީން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ސަޢުދީ ޢަރަބިއްޔާއިން ތަޢާރަފުކޮށްފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ބައިވެރިވުމުން ޙައްޖުވެރިންނަށް ލިބޭ ފަސޭހަތައް އިތުރުވެގެންދާނެ ކަމަށެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޙައްޖު ތާރީޚުގައި ވެސް ހިމެނޭ އެންމެ މުހިންމު ބަދަލެއް ކަމުގައި ވަޒީރު ވިދާޅުވި އެވެ.

ޖިއްދާ އެއާޕޯޓަށް ވާސިލުވާ ޙައްޖުވެރިންނަށް މި ޕްރޮގްރާމުގެ ދަށުން ސަޢުދީ އޮފިޝަލުން މަރުޙަބާ ކިޔައި، އިމިގްރޭޝަން ފުރިހަމަކުރުމާއި ބޭގުތައް ނެގުމަށް މަޑުކުރަން ނުޖެހޭނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވި އެވެ. އެ ކަންތައްތައް ފުރިހަމަވުމުން ސީދާ ތިޔާރު ކުރެވިފައިވާ ހޮޓަލްތަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޙައްޖުވެރިއަކަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ދިވެހި ސަރުކާރާއި، ޙައްޖު ކޯޕަރޭޝަނާއި، އިސްލާމީ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވި އެވެ. ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވީ މިއަހަރު ފުރާ ފުރަތަމަ ޙައްޖު ފުލައިޓުގައި ދާ ޙައްޖުވެރިންނެވެ. އެ ބޭފުޅުން ސަޢުދީ ޢަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.