އިމިގްރޭޝަނުން ބޭއްވި ވޯކް-އިން އިންޓަވިއުއަށް 900 އާ ގާތްކުރާ އަދަދަކަށް ޒުވާނުން ހާޒިރުވެއްޖެ

އިމިގްރޭޝަނުން ބޭއްވި ވޯކް-އިން އިންޓަވިއުއަށް 900 އާ ގާތްކުރާ އަދަދަކަށް ޒުވާނުން ހާޒިރުވެއްޖެ

Author
ހުސައިން
25 މެއި 2025 12:19
0

މޯލްޑިވްސް އިމިގްރޭޝަނުން 50 ޓްރެއިނީ އޮފިސަރުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުއަށް 900 އާ ގާތްކުރާ އަދަދަކަށް ޒުވާނުން ހާޒިރުވެއްޖެއެވެ.

ގަލޮޅު މަދަރުސާގައި މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދެވުނު މި އިންޓަވިއުގައި 40 އަހަރު ނުފުރޭ ދިވެހި ކޮންމެ ރައްޔިތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. އިމިގްރޭޝަންގެ އޮފިޝަލަކު މިރޭ ހާމަކުރެއްވި ގޮތުގައި، ވޯކް-އިން އިންޓަވިއުއަށް ޖުމްލަ 876 މީހުން ވަޑައިގެންނެވިއެވެ. މީގެ ތެރެއިން ޝަރުޠު ހަމަވެގެން އިންޓަވިއު ކުރެވުނު މީހުންގެ އަދަދު މާދަމާ އިޢުލާނުކުރެވޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ވަޒީފާގެ ފުރުޞަތަށް ލިބުނު ބޮޑު ޝައުޤުވެރިކަން ދައްކުވައިދޭ ގޮތުން، އިންޓަވިއުއަށް އައި ބައެއް މީހުން ކިއު ހަދައިގެން ގަލޮޅު މަދަރުސާ ބޭރުގައިވެސް މަޑުކޮށްގެން ތިއްބެވެ.

ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ ރިޓަޔަޑް އަޙްމަދު ފަސީޙް ގަލޮޅު މަދަރުސާއަށް ޒިޔާރަތްކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ފުރުޞަތަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ.

ޤައުމަށް ޚިދުމަތްކުރުމާއި ރާއްޖޭގެ ބޯޑަރުތައް ޙިމާޔަތްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ފުރުޞަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.