އިމިގްރޭޝަނުން 50 އޮފިސާ ޓްރެއިނީ ހޯދުމަށް މިއަދު ބާއްވާ ވޯކް-އިން އިންޓަވިއުތަކުގައި ބައިވެރިވުމަށް ގަލޮޅު ސްކޫލް ކައިރީގައި ގިނަ ބަޔަކު ކިޔޫ ހަދައިފިއެވެ. މިއަދު ހެނދުނު 9:00 ގައި ފެށި މި އިންޓަވިއުތައް 17:00 ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވާނަމަ ޓޯކެން ނަންބަރެއް ދެވޭނެ ކަމަށާއި، އެ ނަންބަރުތައް ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މި އިންޓަވިއުތައް ގަލޮޅު ސްކޫލުގެ ހަ ކްލާސްރޫމެއްގައި ހަ ޕެނަލަކުން ކުރިއަށް ގެންދާނެއެވެ.
މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން ނުވަތަ އެމްއެންކިޔުއެފް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިފައިވުން ހިމެނެއެވެ. އުމުރުން 40 އަހަރުން ދަށުގެ ފަރާތަކަށް ވާންޖެހޭނެއެވެ.
އިންޓަވިއުއަށް ހާޒިރުވާއިރު ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި، ސީވީއާއި، އައިޑީ ކާޑުގެ ކޮޕީއާއި، ތައުލީމީ ސެޓްފިކެޓްތައް ގެންދިއުމަށް އިމިގްރޭޝަނުން އަންގާފައިވެއެވެ. މި މަޤާމަށް ހޮވޭ ފަރާތްތަކަށް މަހަކު 6،500 ރުފިޔާގެ އަސާސީ މުސާރައާއި، 1،500 ރުފިޔާގެ ސާވިސް އެލަވަންސް ލިބޭނެއެވެ. ބޭސިކް ތަމްރީނު ފުރިހަމަ ކުރުމަށްފަހު ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެއެވެ.
ވޯކް-އިން އިންޓަވިއުއަކީ ކުރިއާލާ ފޯމު ހުށަހެޅުމަކާ ނުލައި، ކަނޑައެޅިފައިވާ ގަޑިއެއްގައި އިންޓަވިއު ބާއްވާ ތަނަށް ގޮސް ވަގުތުން ކުރިއަށްގެންދާ އިންޓަވިއުއެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން މިފަދަ އިންޓަވިއުތައް ކުރިންވެސް ބާއްވާފައިވެއެވެ.
ޕާސްޕޯޓް ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ މީހުންގެ ކަންކަން ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަކީ އިމިގްރޭޝަންގެ މައިގަނޑު ޒިންމާތަކެވެ. ނަމަވެސް އިމިގްރޭޝަނަކީ ކޮރަޕްޝަންގެ ތުހުމަތުތައް ކުރިން ސުރެ ކުރެވެމުން އަންނަ އިދާރާއެކެވެ. ޚާއްސަކޮށް ބިދޭސީންނަށް ކޯޓާ ދޫކުރުމާއި ބިދޭސީން ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ބައެއް މުވައްޒަފުން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުތައް ކުރެވެއެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ 515,132 އަށް އަރާފައިވާއިރު، 15 އަހަރުން މަތީގެ މަސައްކަތު އުމުރުގެ އާބާދީއަކީ 411,219 އެވެ. މަސައްކަތް ލިބިފައިނުވާ މީހުންގެ އަދަދު 9,244 ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ޖުމްލަ އާބާދީގެ 3 ޕަސެންޓެވެ.
ކޮމެންޓު ފޮނުވާ