ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި މިއަދު ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މެޓުން ނެރެފައިވާ މިއަދުގެ މޫސުމީ ރިޕޯޓުގައި ބުނެފައިވަނީ، އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރި ވިލާގަނޑުގެ އަސަރުކުރާނެ ކަމަށާއި، އެ ސަރަހައްދުތަކުގައި ގުގުރުމާއި އެކު ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ޤައުމުގެ އެހެން ސަރަހައްދުތަކުގައި މޫސުން އާންމުކޮށް ހުންނާނީ ރަނގަޅު ހާލަތެއްގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ޤައުމުގެ އެނޫން ހިސާބުތަކުގައި ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތަކުގައި ރާޅު އާދައިގެ ގޮތުން މަޑުވާނެ ކަމަށް އަންދާޒާކުރެވޭއިރު، މެދުރާއްޖެއާއި އުތުރުގެ ކަނޑުތަކުގައި ރާޅު ބޮޑުވެ، ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ އިންޒާރުދީފައެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ ސަރަހައްދުތަކުގައި 2 ފޫޓާއި 4 ފޫޓާ ދެމެދުގެ އުސްމިނުގައި ރާޅު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެއާއި އުތުރުގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދަށް އަރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ހާލަތުގައި، ޚާއްސަކޮށް އުތުރުގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށާއި، ކުދި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ